ކުޅިވަރު
މި އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން އިންގްލެންޑުގެ ހަތް ޓީމު ފެނިދާނެ

ޗެމްޕިއަންސް ލީގުން އިތުރު ޖާގަ ލިބެނީ ކޯއެފިޝެންޓް ރޭންކިންއަށް ބަލައިގެން ---
ޔޫއެފާގެ މި ސީޒަނުގެ މުބާރާތްތައް ނިމޭ ގޮތަކުން، މި އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް އިންގްލެންޑުން 7 ޓީމެއް ކޮލިފައިވުމުގެ ފުރުސަތު އެބައޮތެވެ.
ޔޫއެފާގެ ބޮޑު ތިން މުބާރާތް ކަމުގައިވާ، ޔޫއެފާ ޗެމްޕިއަންސް ލީގާއި، ޔޫއެފާ ޔޫރޮޕާ ލީގާއި އަދި ޔޫއެފާ ކޮންފަރެންސް ލީގުގައި ވާދަކުރާ ޓީމުތަކުގެ ނަތީޖާތަކަށް ބަލައި، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ލީގަކުން އިތުރު ޓީމަކަށް ފުރުސަތު ދިނުމަށް ޔޫއެފާއިން ވަނީ ނިންމާފައެވެ.
އަދި އިނގިރޭސި ލީގުގެ ގަދަ ހަތަރު ޓީމަށް މިހާރު ވެސް ޗެމްޕިއަންސް ލީގުން ޖާގަ ލިބޭއިރު، މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑުގެ މައްޗަށް އާސެނަލްއިން ހޯދި ކާމިޔާބާއެކު، ކޯއެފިޝެންޓު ރޭންކިންއަށް ބަލައި އިންގްލެންޑުން 5 ޓީމަށް ޖާގަ ލިބޭނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
މިއާއެކު، ލީގުގެ ގަދަ ހަތަރު ޓީމުގެ ގޮތުގައި ނުހިމެނި އެސްޓަން ވިލާއިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، އަދި މެންޗެސްޓަރ ޔުނައިޓެޑު ނުވަތަ ޓޮޓެންހަމް ހޮޓްސްޕާރއިން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފިނަމަ، އިތުރު ދެ ޖާގަ އިނގިރޭސި ލީގަށް ލިބޭނެއެވެ. އެއީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ޗެމްޕިއަނުންނަށް ޖެހިގެން އަންނަ ސީޒަނެއްގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުވާނެތީއެވެ.
ޗެމްޕިއަންސް ލީގުން ގައުމުތަކަށް އިތުރު ޖާގަ ލިބެނީ ކިހިނެއް؟
ޗެމްޕިއަންސް ލީގުގެ މި ސީޒަނުން ފެށިގެން މުބާރާތުގައި ކުޅޭ ޓީމުތަކުގެ އަދަދު އިތުރުކޮށްފައިވުމާއެކު، ޔޫއެފާގެ ބޮޑު ތިން މުބާރާތް ކަމުގައިވާ، ޔޫއެފާ ޗެމްޕިއަންސް ލީގާއި، ޔޫއެފާ ޔޫރޮޕާ ލީގާއި އަދި ޔޫއެފާ ކޮންފަރެންސް ލީގުގައި ވާދަކުރާ ޓީމުތަކުގެ ނަތީޖާތަކަށް ބަލައި، އެ ޤައުމުތަކުގެ ލީގުތަކުން އިތުރު ޓީމުތައް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ޔޫއެފާއިން ވަނީ ނިންމާފައެވެ.
ގައުމުތަކުގެ ކޯއެފިޝިއެންޓް ރޭންކިންއަށް ބަލައި މި ފުރުސަތު ދޭއިރު، މޮޅުވާ ކޮންމެ މެޗަކަށް ދެ ޕޮއިންޓު އަދި އެއްވަރުވާ ކޮންމެ މެޗަކަށް ޕޮއިންޓެއް އެ ގައުމަކަށް ލިބޭނެއެވެ. އެގޮތުން ކޯއެފިޝެންޓު ރޭންކިން ތާވަލު އަތުރާލަނީ، އެއް ގައުމަކުން ޔޫރަޕްގެ މުބާރާތްތަކުގައި ކުޅޭ ހުރިހާ ޓީމެއްގެ ޕޮއިންޓެއް އެއްކޮށްލުމަށްފަހު، އެ ގައުމުން ޔޫރަޕްގައި ކުޅޭ ޓީމުތަކުގެ އަދަދުން ގެއްލުމަށްފަހުއެވެ.
މިސާލަކަށް އިންގްލެންޑުގެ 7 ޓީމަކުން ޔޫރަޕްގައި ކުޅެ 100 ޕޮއިންޓު ހޯދައިފިނަމަ، ކޯއެފިޝިއެންޓް ރޭންކިން ކަނޑައަޅާނީ 7 އިން 100 ގެއްލުމަށްފަހުއެވެ. އޭރުން އިންގްލެންޑަށް ލިބޭނީ 14.3 ޕޮއިންޓެވެ.
އެގޮތުން އިނގިރޭސި ލީގުގެ ގަދަ ހަތަރަކަށްދާ ޓީމުތަކަށް އޮޓޮމެޓިކުން ޗެމްޕިއަންސް ލީގުގެ ޖާގަ ލިބޭއިރު، އެ ލީގަށް ލިބުނު އިތުރު ޖާގަ ދޭނީ ލީގުގެ ފަސްވަނައަށްދާ ޓީމަށެވެ.
މި ޖާގަތައް މި ސީޒަނުގައި ލިބުނީ ޖަރުމަނު ވިލާތާއި އިޓަލީގެ ފަސްވަނައަށް ދިޔަ ޓީމުތަކަށެވެ. އެގޮތުން އިޓަލީގެ ބޮލޯނާ އާއި ޖަރުމަނުގެ ޑޯޓްމަންޑުން މި ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވީ މި ޖާގަ ލިބުމުންނެވެ.