Ads by Aqeeqa Maldives

ޚަބަރު

މާލޭގެ ގެއަކަށް ވަދެ ގޭގެ ވެރިމީހާއަށް އަނިޔާކުރި މައްސަލަ: ހައްޔަރުކުރި މީހުން ދޫކޮށްލައިފި

މާލޭގެ ގެއަކަށް ވަދެ ގޭގެ ވެރިމީހާއަށް އަނިޔާކުރި މައްސަލަ: ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ފުލުހުން ހައްޔަރުކުރި ހަތަރު މީހުން. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 އޭޕްރީލު 2025، 08:40

08 އޭޕްރީލު 2025، 08:40

މާލޭގެ ގެއަކަށް ވަދެ އެގޭގެ ވެރިމީހާއަށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި މީހުން ކޯޓުން ދޫކޮށްލައިފިއެވެ. 

މިމައްސަލައަކީ 9 މާރޗް 2025ގެ ރޭ ދަންވަރު ގަލޮޅު ގެއަކަށް ހަތަރު މީހުންގެ ގްރޫޕަކުން ވަދެ އެގޭގެ ވެރިމީހާއަށް އަނިޔާކުރި މައްސަލައެކެވެ. މިމައްސަލާގައި ކުށުގެ ވެށިން ހަތަރު މީހަކު ހައްޔަރުކޮށްފައިވެއެވެ.

އެހަތަރު މީހުންނަކީ ޢަލީ ނަވާފު، 21، ފަޒާ، ތ. ގުރައިދޫ، މުހައްމަދު އަޒާން، 23، ހަވޭލީ، ނ. މަނަދޫ، އިބްރާހިމް އަހުނަފް، 21، އެލަސް، ނ. ވެލިދޫ އަދި މުހައްމަދު އަފްލާހު، 23، ރީތިހިޔާ، އއ. މާޅޮސް އެވެ.

މިމައްސަލައާއި ގުޅިގެން އެމީހުން ކޯޓަށް ހާޒިރުކުރުމުންއެ މީހުން ބުނެފައިވަނީ އެ މީހުން ދިޔަ އެޕާޓްމެންޓަކީ އަތޫފް ނަމަކަށް ކިޔާ އެ މީހުންގެ ރައްޓެއްސަކު ކުއްޔަށް ނަގައިގެން އުޅޭ ތަނެއްކަމަށެވެ.

އެ ތަން ކުއްޔަށް ނަގާފައިވާ ކަން ހާމަވާ ލިޔުމެއް އޮތް ކަމަށް އެ މީހުން ބުނި ނަމަވެސް، އެފަދަ ކަމެއް އެނގޭނެ އެއްވެސް ލިޔުމެއް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.

މިއާ ޚިލާފަށް ގޭގެ ވެރިފަރާތާ ހަވާލާދީ ފުލުހުން ކޯޓުގައި ބުނި ގޮތުގައި އެ ތަން ކުއްޔަށް ދީފައިވަނީ އަލީ ޝިމާން ރަޝީދު ކިޔާ މީހަކަށްކަމަށެވެ. އަދި އޭނާއަށް އެ ތަން ކުއްޔަށް ދޭން ޖެހުނީ ވެސް ބިރު ދައްކައި، ގަދަކަމުން އެއްބަސްވުމުގައި ސޮއިކުރުވައިގެން ކަމަށް ގޭގެ ވެރިފަރާތުން ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ. 

ބިރު ދެއްކި ކަމަށް ތުހުމަތުވާ އެޕާޓްމެންޓްގެ ތެރެއިން ހައްޔަރުކުރި ހަތަރު މީހުން ވެސް ކޯޓުގައި އެ މީހުން އެ އެޕާޓްމެންޓަށް ދިޔައީ ފައިސާ ދީގެން، އެ ތަން ސާފުކޮށްދޭން އަތޫފް އެދުމުން ކަމަށް ވަނީ ބުނެފަ އެވެ.

ހަތަރު މީހުން ވެސް ވަނީ އެ ތަނަށް ގެއްލުންދީ، އަދި ތަޅައިފޮޅައި މާރާމާރީ ހިންގާފައިނުވާނެ ކަމަށް ބުނެފަ އެވެ.

އެމީހުން ބަންދުކުރަން ނެރުނު އަމުރުގައި އެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ދައުލަތުން ކޯޓުގައި ވަނީ އެދިފައެވެ. ނަމަވެސް ކޯޓުން ނިންމީ ޝަރުތު ތަކާއެކު އެމީހުން ދޫކޮށްލުމަށެވެ.

އެ ހަތަރު މީހުން ކޯޓުން ދޫކޮށްލަން ނިންމާފައިވަނީ ގާޒީ އިބްރާހިމް އިހްސާން އެވެ. އެފަދައިން ނިންމާފައިވަނީ، މައްސަލައިގެ ހެއްކާއި ގަރީނާގެ ގޮތުގައި ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައި ނުވާތީ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS