ޚަބަރު
5 މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން ހަތަރު ލައްކައަށްވުރެ ގިނަ ގަސް އިންދައިފި

5 މިލިއަން ގަސް އިންދުމުގެ ޕްރޮޖެކްޓް ފެށުމުގެ ރަސްމިއްޔާތު
5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ހަތަރު ލައްކައަށްވުރެ ގިނަ ގަސް އިންދައިފިކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާއިބެހޭ ވުޒާރާއިން ބުނެފިއެވެ.
އެވުޒަރާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދާހަމައަށް 498،968 ގަސް ވަނީ އިންދާފައެވެ. މި މަޝްރޫޢުގެ ދަށުން މުޅި ޖުމްލަ 5،219،456 މިލިޔަން ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގެ ދަށުން ގަސް އިންދުމަށް ސަރުކާރުގެ ކުންފުނިތަކުންވެސް ވަނީ ވަޢުދުވެފައެވެ. އެގޮތުން
އެޗްޑީސީ 1،000،000 ގަސް،އެމްޕީއެލް 1،000،000 ގަސް،އެސްޑީއެމް ފަރމް 750،000 ގަސް،އާރްއޭސީއެލް 600،000 ގަސް،ސްޓެލްކޯ 500،000 ގަސ ްއަދިއެހެނިހެން 1،369،456 ގަސް ހިމެނެއެވެ.
ކުރިއަށް އޮތް 5 އަހަރު ތެރޭގައި 5 މިލިއަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ "ކޮޕް28"ގައެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވާފައި ވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ.
މި ޕްރޮގްރާމަށް ގަސް ހަދިޔާކުރުމާއި، ގަސް އިންދުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ސަރުކާރުން އެދެއެވެ. ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އަވައްޓެރި ޤައުމުތަކުން ގަސް ހަދިޔާކުރާނެކަމަށްވެސް ސަރުކާރުން މީގެކުރިން ވަނީ ހާމަކޮށްފައެވެ.