ކުޅިވަރު

ރާއްޖޭގައި ލިވަޕޫލްގެ ކޯޗުން އުފެއްދުމާއި، ލިވަޕޫލްގެ އެކެޑަމީއެއް ރާއްޖޭގައި ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު:ރާފިޢު

ރާއްޖޭގައި ލިވަޕޫލްގެ ކޯޗުން އުފެއްދުމާއި، ލިވަޕޫލްގެ އެކެޑަމީއެއް ރާއްޖޭގައި ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު:ރާފިޢު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 އޭޕްރީލު 2025، 08:28

05 އޭޕްރީލު 2025، 08:28

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އިނގިރޭސިވިލާތަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަކަށްފަހު، އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުލަބު ލިވަޕޫލާއެކު ރާއްޖޭގެ ފުޓްބޯޅަ ތަރައްޤީކުރުމަށް އެއްބަސްވެވިފައިވާ ކަމަށް ހާމަކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ރާފިޢު ވިދާޅުވީ، މި ދަތުރުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ މަސައްކަތްތަކުގެ އިތުރުން، އެ ކުލަބުގެ ޓެކްނިކަލް އެހީތެރިކަން ދިވެހި ފުޓްބޯޅައަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ރާފިޢު ވިދާޅުވި ގޮތުގައި، ލިވަޕޫލް އިންޓަނޭޝަނަލް އެކެޑަމީއާއެކު ބޭއްވުނު ބައްދަލުވުމުގައި، ރާއްޖޭގައި ލިވަޕޫލްގެ ކޯޗުން އުފެއްދުމާއި، ލިވަޕޫލްގެ އެކެޑަމީއެއް ރާއްޖޭގައި ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، މިހާރު ތިބި ދިވެހި ކޯޗުންނަށްވެސް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ވެސް އެއްބަސްވެވުނީ އެބޭފުޅުންގެ މިނިމަމް ރިކުއާމެންޓަކީ ކޮބާތޯ؟ މި ކަންފަށަށް ކޮންކަހަލަ ކަންތައްތަކެއް ކޮންކަހަލަ ފެސިލިޓީއެއްތޯ ބޭނުންވާނީ އަދި އިންޓްރެސްޓެޑް ކޯޗުންނަކީ ކޮންބައެއްކަން، އައިޑެންޓިފައިކުރުން." ވަޒީރު ރާފިޢު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ތަޢުލީމީ ބައިތައް ތަރައްޤީކޮށް ކުރިއަށް ގެންދާނީ ލިވަޕޫލުން ކަމަށާއި، އެކަމަށްޓަކައި ލިވަޕޫލްގެ ޚާއްސަ ކޯޗެއް ރާއްޖޭގައި ހުންނާނެ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ. އަދި ވަރަށް އަވަހަށް މި އެއްބަސްވުމުގެ ތަފްސީލު މަޢުލޫމާތު ލިވަޕޫލުން ދިވެހި ސަރުކާރާ ހިއްސާކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS