ޚަބަރު
އަނަސްގެ މަރުގެ މައްސަލައިގައި ހިމެނޭ މީހުން ދޫކޮށްލި މައްސަލަ ސްޕްރީމް ކޯޓުން ބަލައިގެންފި

8 އޮގަސްޓް 2024؛ އަނަސްގެ މަރުގެ ތުހުމަތުވާ މީހުން ހައި ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި
އަނަސްގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ބަންދުގައި ބައިތިއްބަން ނުފެންނަކަމަށް އިސްތިއުނާފީ މަރުހަލާގައި ވެސް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލައިގެންފިއެވެ.
2017 ވަނަ އަހަރު ރަހުމް ކުޑަ ގޮތަކަށް ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި ރ. މީދޫ، ފެންފިޔާޒުގެ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތް ކުރާއިރު، އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތް މީހުން އެ ކުށުގައި ބައިވެރިވިކަމަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށް، އެ ހާދިސާ ހިނގިތާ 7 އަހަރު ފަހުން ކްރިމިނަލް ކޯޓުން ނިންމިއެވެ.
އެހެންކަމުން އެ މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށް، އެ ހަތް މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދިފައިވެއެވެ. ނަމަވެސް ހައި ކޯޓުން މި އަހަރުގެ މާރިޗު 10 ވަނަ ދުވަހު ނިންމީ އެ ހަތް މީހުން ވެސް ޝަރީއަތް ނިމެންދެން އަލުން ބަންދުކުރަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.
ހައި ކޯޓުގެ މި ނިންމުމާ ގުޅިގެން ދައުލަތް ތަމްސީލުކުރާ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ ހޮނިހިރު ދުވަހެވެ. އަދި މި މައްސަލަ ސްޕްރީން ކޯޓުން ވަނީ ބަލައިގެންފައެވެ.
އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން 7 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ، ގަސްތުގައި މީހަކު މަރާލިކަމަށް ދައުވާ އުފުލި 3 މީހަކާއި، ގަސްތުގައި މީހަކު މަރާލާފައިވާކަމަށް ދައުވާ އުފުލާފައިވާ 4 މީހެކެވެ.
ގަސްތުގައި މީހަކު މަރާލިކަމަށް ދައުލަތުން ދައުވާ އުފުލީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ. އަދި ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލީ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.
ހައި ކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރުމުން، އެ ކޯޓުން މައްސަލަ ނިންމީ އިސްތިއުނާފީ މަރުހަލާގައި ތުހުމަތު ކުރެވޭ ހަތް މީހުން ބަންދުކުރަން ޖެހޭ އެއްވެސް ހާލަތެއް އަދި ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށް ބުނެއެވެ.
އިސްތިއުނާފީ މަރުހަލާގައި މީހަކު ބަންދުކުރުމަށް ނިންމަނީ ތިން ކަމަކަށް ރިޢާޔަތްކުރުމަށްފަހުއެވެ. އެއީ ފިލައިގެން ގޮސްދާނެ ކަމުގެ ފުރުސަތު އޮތުމާއި މުޖުތަމައުގެ މަސްލަހަތެއް ގެއްލިދާނެ ކަމަށް ބެލެވޭ ހާލަތެއް އޮތުމާއި މައްސަލަ ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވުމެވެ. ނަމަވެސް އެ މައްސަލާގައި، މައްސަލަ ކާމިޔާބުވުމުގެ ފުރުސަތެއް އަދި ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކިތަކެއް ނެތް ކަމަށް އެ ނިންމުމުގައިވެއެވެ.
ކްރިމިނަލް ކޯޓުގެ އެ ހުކުމުގައި އިތުރަށް އޮތީ، ދައުވާލިބޭ ހަތް މީހުން ކަށަވަރު ކުރަން ވެސް އިތުރު އެހެން އެއްވެސް ހެއްކެއް، އަދި ބާރު ދޭނެ ހެއްކެއް ވެސް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށެވެ. އަދި ހެކިންނާއި ސިއްރު ހެކިވެރިންނާއި ހަބީރުންގެ ހެކިބަހުން ވެސް، ކުށުގެ އަމަލު ހިންގާފައިވަނީ އެ ހަތް މީހުންކަން ޝަރީއަތަށް ސާބިތުނުވާކަމަށް ހުކުމްގައިވެއެވެ.
ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ކޯލް ރެކޯޑާއި، ތަޙުޤީޤީ ރިޕޯޓާއި، އިންޓެލިޖެންސް ރިޕޯޓާ ގުޅިގެން ކޯޓުން ބުނީ، އެ ތަކެއްޗަކީ ކުށް ސާބިތުކުރުމަށް ރިޢަޔަތް ކުރެވޭނެ ތަކެތި ނޫންކަމަށެވެ.