ޚަބަރު
ސެނެގާލްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ދިވެހިރާއްޖެއާއި ސެނެގާލްގެ ދިދަ/ފޮޓޯ: ޑްރީމްސްޓައިމް
ހުލާސާ
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ސެނެގާލްގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ޚާރިޖީ ވަޒީރު، ޔަސިން ފޯލްއަށް ފޮނުއްވައިފިއެވެ.
ތަޙުނިޔާ ދެންނެވުމުގެ ގޮތުން ޚާރިޖީ ވަޒީރު ފޮނުއްވި މެސެޖުގައި ވިދާޅުވީ، ސެނެގާލްގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރާ ކަމަށެވެ. އެގޮތުން، ވަޒީރު ވަނީ ސެނެގާލްގެ ސަރުކާރަށާއި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ، ސެނެގާލްގެ ޚާރިޖީ ވަޒީރު ޔަސިން ފޯލްއަށް ދުޅަހެޔޮ ޞިއްހަތެއް އަބަދުވެސް ދެއްވުމަށް އެދިލައްވާ ކަމަށެވެ. ހަމަ އެހެންމެ، ސެނެގާލްގެ އެންމެހާ ރައްޔިތުންނަށް އަބަދުވެސް އުފާވެރިކަމާއި ފާގަތިކަން މިންވަރު ކުރެއްވުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.
މި ފުރުޞަތުގައި ވަޒީރު ވަނީ އެ މަނިކުފާނު ސެނެގާލްގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވަރު ޤަދަރު އާކުރައްވާ، އަބަދުވެސް އެކުގައި މަސައްކަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.