ޚަބަރު
އދ.ގެ އަންހެނުންގެ ކޮމިޝަނަށް ފުރަތަމަ ފަހަރަށް ރާއްޖެ ހޮވިއްޖެ

ދިވެހި ޚާރިޖިއްޔާ. ފޮޓޯ:ދަ އެޑިޝަން
އދ.ގެ އަންހެނުންގެ ކޮމިޝަން (ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން) ފުރަތަމަ ފަހަރަށް ރާއްޖެ ހޮވިއްޖެއެވެ.
މި ކޮމިޝަނަށް ދިވެހިރާއްޖެ ހޮވިފައިވަނީ 2026 އިން 2030 އަށް އޮންނަ ދައުރަށެވެ. މިއަދު ނިއުޔޯކުގައި ބޭއްވުނު އިންތިޚާބުގައި ދިވެހިރާއްޖެ ވަނީ މި ކޮމިޝަނަށް ހޮވިފައެވެ.
މިއީ ރައީސް މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިމަތިލައިގެން ކާމިޔާބުކުރި ފުރަތަމަ މިފަދަ މަޤާމުކަން ފާހަގަކޮށްލަން ޖެހެއެވެ.
މިކަމާ ގުޅޭ ގޮތުން ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ އަންހެނުން ބާރުވެރިކުރުވުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
އދ. ގެ އަންހެނުންގެ ކޮމިޝަނަކީ 1946 ވަނަ އަހަރު އުފެދުނު، އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމަށާއި، އަންހެނުންނާ މެދު ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށް މަސައްކަތްކުރާ މުހިންމު ކޮމިޝަނެކެވެ.
އދ. ގެ އަންހެނުންގެ ކޮމިޝަނަކީ އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމަށާއި، އަންހެނުންނާ މެދު ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށް މަސައްކަތްކުރާ މުހިންމު ކޮމިޝަނެކެވެ.
މި ކޮމިޝަނުގައި ދިވެހިރާއްޖެ ބައިވެރިވުމުން، ބައިނަލްއަޤްވާމީ މައިދާނުގައި އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރުމުގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ.