ކުޅިވަރު

ގައުމީ ވޮލީ ލީގު: ޗެމްޕިއަން ޑީއެސްސީގެ ފެށުން ވަރަށް ވަރުގަދަ

ގައުމީ ވޮލީ ލީގު: ޗެމްޕިއަން ޑީއެސްސީގެ ފެށުން ވަރަށް ވަރުގަދަ

ޑީއެސްސީ އާއި ސްޕޯޓްސް ކްލަބް ސިޓީ ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑީއެސްސީގެ ހުސެއިން ރައްޒާން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

30 ޑިސެމްބަރު 2024، 11:27

30 ޑިސެމްބަރު 2024، 11:27

ހުލާސާ

މި މެޗު ސްޕޯޓްސް ކްލަބް ސިޓީއާ ދެކޮޅަށް ކުޅެ ޑީއެސްސީއިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުން.

މިރޭ ކުޅޭ މެޗުގައި ޑީއެސްސީ ބައްދަލު ކުރާނީ ބްލޫޒް ފޯރ ވޮލީބޯލްއާ ދެކޮޅަށް.

ގައުމީ ވޮލީބޯލް ލީގުގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) ފުރަތަމަ ކުޅުނު މެޗު ކާމިޔާބުކޮށްފިއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުޅުނު މި މެޗު ސްޕޯޓްސް ކްލަބް ސިޓީއާ ދެކޮޅަށް ކުޅެ ޑީއެސްސީއިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ ހުރިހާ ސެޓެއް ވެސް ޑީއެސްސީއިން ކާމިޔާބުކުރީ ތަފާތު ބޮޑު ކޮށެވެ. އެގޮތުން ފުރަތަމަ ސެޓު 25-18 ޕޮއިންޓުން ކާމިޔާބުކުރިއިރު، ދެވަނަ ސެޓު ގެންދިޔައީ 25-17 ޕޮއިންޓުންނެވެ. އަދި މެޗުގެ ފަހު ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-18 ޕޮއިންޓުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ، ޑީއެސްސީގެ ޖާޒީ ނަންބަރު 10، ހުސެއިން ރައްޒާންއެވެ.

މި މުބާރާތުގައި ސްޕޯޓްސް ކްލަބް ސިޓީއިން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ބްލޫޒް ފޯރ ވޮލީބޯލް ސީދާ ތިން ސެޓުން ބަލިކޮށްފައެވެ.

އާދިއްތަ ދުވަހު ކުޅުނު ދެވަނަ މެޗުގައި ބްލޫޒް ފޯރ ވޮލީބޯލް އިން ވަނީ ޕޮލިސް ކްލަބްގެ މައްޗަށް 3-2 ސެޓުން ކާމިޔާބު ހޯދާފައެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ދެ ސެޓު ގެންދިޔައީ ޕޮލިސް ކްލަބުންނެވެ. އެއީ 25-22 އަދި 25-23 ޕޮއިންޓުންނެވެ.

ނަމަވެސް، ބްލޫޒް ފޯރ ވޮލީބޯލް އިން ވަނީ ކުޅުން ރަގަޅުކޮށް އެ ޓީމުގެ ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން އެ ޓީމުގެ ސެޓުތައް ކާމިޔާބު ކޮށްފައިވަނީ 20-25، 23-25 އަދި 09-15 ޕޮއިންޓުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޕޯޓްސް ކްލަބް ސިޓީގެ ބިދޭސީ ކުޅުންތެރިއެއް ކަމުގައިވާ، ކޭ. ޕީ. ޗަންޑްރަސިރީއެވެ.

މިއީ ޕޮލިސް ކްލަބުން މި މުބާރާތުގައި ކުޅުނު ދެ މެޗުން ކުރިމަތިލާން ޖެހުނު ދެވަނަ ބައްޔެވެ. ފުރަތަމަ މެޗުގައި ކްލަބް އެޗްޑީސީއާ ދެކޮޅަށް ކުޅުނު އިރު، އެ މެޗު ގެއްލުނީ 3-1 ސެޓުންނެވެ.

މުބާރާތުގެ ދެ މެޗެއް މިއަދު ވެސް ކުޅޭނެއެވެ. ފުރަތަމަ މެޗު 16:30 އަށް ތާވަލު ކޮށްފައިވާއިރު، އެ މެޗުގައި ބައްދަލު ކުރާނީ ކްލަބް އެޗްޑީސީ އާއި ސްޕޯޓްސް ކްލަބް ސިޓީއެވެ. ދެވަނަ މެޗުގައި މިރޭ 8:30 ގައި ޑީއެސްސީ ނިކުންނާނީ ބްލޫޒް ފޯރ ވޮލީބޯލްއާ ދެކޮޅަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS