ޚަބަރު
އިމިގްރޭޝަންގެ އާ ޤާނޫނުގައި ރެޒިޑެންޓް ވިސާ ހިމަނާފައެއް ނުވާނެ: ވަޒީރު އިޙްސާން
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން / ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިމިގްރޭޝަންގެ އާ ޤާނޫނުގެ ބިލުގައި "ރެޒިޑެންޓް ވިސާ" ގެ ނަމުގައި އެއްވެސް ވިސާއެއް ހިމަނާފައި ނުވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ އިމިގްރޭޝަންގެ ޤާނޫނަށް ގެންނަ އިސްލާހެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކާ ގުޅިގެން ހިއްސާކުރެއްވި މެސެޖެއްގައެވެ.
ވަޒީރު އިޙްސާން ވިދާޅުވީ، ސޯޝަލް މީޑިއާގައި އިމިގްރޭޝަންގެ ޤާނޫނަށް ގެންނަ އިސްލާހެއް ކަމުގައި ބަޔާންކޮށް ދައުރުކުރަމުންދަނީ އެއްވެސް އަސްލެއްނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެއީ މޯލްޑިވްސް އިމިގްރޭޝަނުން އެއްވެސް އިރަކު ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުމުގެ ވިސްނުމެއްވެސް ގެންގުޅެފައިވާ އިބާރާތްތަކެއް ނޫން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވަނީ 50 ޞަފްޙާގެ މައްޗަށް އެކުލެވޭ އިމިގްރޭޝަންގެ މުޅިން އާ ޤާނޫނެއްކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މި ބިލުގައި "ރެސިޑެންޓް ވިޒާ" ގެ ނަމުގައި އެއްވެސް ބާވަތެއްގެ ވިސާއެއް ހިމަނާފައި ނުވާނެ ކަމަށެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ އިމިގްރޭޝަން ފަދަ އެންމެހާ ރައްޔިތުންނާއި ގުޅުންހުރި ހައްސާސީ މަސައްކަތްތަކެއް ކުރާ މުހިންމު އިދާރާއަކާ ގުޅުވައިގެން މިފަދަ ދޮގު ބުހުތާނު ވާހަކަތައް ނުފެތުރުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.
ސޯޝަލް މީޑިއާގައި އިމިގްރޭޝަންގެ ޤާނޫނަށް ގެންނަ އިސްލާހެއްކަމުގައި ބަޔާންކޮށް ދައުރު ކުރަމުންދަނީ އަސްލެއްނެތް އަދި މޯލްޑިވްސް އިމިގްރޭޝަނުން އެއްވެސް އިރަކު ޤާނޫނަށް އިސްލާހުގެނައުމަށް ހުށެހެޅުމުގެ އެއްވެސް ވިސްނުމެއްވެސް ހުރި އިބާރާތްތަކެއްނޫނެވެ. މިއަދުގެ ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާނީ 50 ސޮފްހާ ހިމެނޭ އިމިގްރޭޝަންގެ މުޅިން އާ ޤާނޫނެކެވެ. މި ޤާނޫނުގައި “ރެސިޑެންޓް ވިޒާ” ނަމުގައި އެއްވެސް ވިސާއެއްވެސް ހިމެނިފައި ނުވާނެއެވެ. ދިވެހި ރާއްޖޭގެ އިމިގްރޭޝަން ފަދަ އެއްމެހާ ރައްޔިތުންނާއިގުޅޭ ހައްސާސީ މަސައްކަތްކުރާ އިދާރާއަކާއި ގުޅޭގޮތުން މިފަދަ ދޮގު ބުހުތާނު ވާހަކަ ނުފެތުރުމަށް ދަންނަވަމެވެ.
— Minister of Homeland Security, Labour & Technology (@min_mohst) November 16, 2026
ރާއްޖޭގެ އިމިގްރޭޝަންގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމުގެ މަޤްޞަދުގައި ސަރުކާރުގެ ފަރާތުން "ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މި ހިނގާ މަހުގެ 9 ވަނަ ދުވަހުއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި މަދަނީ ވަކި ޚިދުމަތެއް ޤާއިމުކޮށް، އެ ޚިދުމަތް ހިންގުމާ ގުޅޭ އުސޫލުތައް އެކަށައެޅުމެވެ. އަދި މީގެ އިތުރުން ރާއްޖެއަށް މީހުން އައުމާއި ފުރުމާ ގުޅޭ ޚާއްޞަ އަދި ޢާންމު އުސޫލުތައް ކަނޑައެޅުމާއި، ދިވެހި ރައްޔިތުންނަށް ދިވެހިރާއްޖެއިން ފުރުމަށާއި އެނބުރި ޤައުމަށް އައުމަށް ބޭނުންވާ ޕާސްޕޯޓު ދޫކުރުމުގެ އުސޫލުތައް ޒަމާނީ އޮނިގަނޑެއްގެ ތެރެއިން ބަޔާންކުރުމަކީވެސް މި ބިލު ހުށަހެޅުމުގެ މުހިންމު ބޭނުމެކެވެ.