ދީން / ޚަބަރު
ނިޢުމަތްތަކަށާއި މީސްތަކުންގެ ހެޔޮ ފޯރުވުންތަކަށް ޝުކުރުވެރިވުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފި
ނިޢުމަތްތަކަށާއި މީސްތަކުންގެ ހެޔޮ ފޯރުވުންތަކަށް ޝުކުރުވެރިވުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފި
މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ލޯބި ދެމެހެއްޓުމަށްޓަކައި އިސްލާމްދީން ދަސްކޮށްދޭ އެންމެ މުހިންމު އެއް ސިފައަކީ ނިޢުމަތްތަކަށް ޝުކުރުވެރިވުން ކަމަށާއި، ﷲގެ ނިޢުމަތްތަކުގެ އިތުރުން އިންސާނުންގެ ހެޔޮ ފޯރުވުންތަކަށް ޝުކުރުއަދާކުރުމަކީ ވެސް މުހިންމު ކަމެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި، އަހަރެމެންގެ މައްޗަށްވާ މާތް ﷲގެ ނިޢުމަތްތަކަކީ ގުނައި ޢަދަދުނުކުރެވޭހައި ގިނަގުނަ ނިޢުމަތްތަކެކެވެ. މާތް ﷲގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ އެކަލާނގެ ފަޟުލުވަންތަކަމަށް އިޢުތިރާފުވެ، އެ ނިޢުމަތްތައް އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގައި ބޭނުންކުރުން ކަމަށާއި، މިއީ އަޅާގެ ދީނާއި ދުނިޔެއަށް ހެޔޮކަން ގެނެސްދޭ އަދި ﷲގެ ލޯތްބާއި ރުހިވޮޑިގަތުން ލިބޭ މަތިވެރި އަޅުކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.
ޝުކުރުވެރިވުމަކީ ނަބީބޭކަލުންގެ ވެސް މަތިވެރި ސިފަފުޅެއްކަން ފާހަގަކުރައްވަމުން، އިބްރާހީމް ޢަލައިހިއްސަލާމާއި، ސުލައިމާން ޢަލައިހިއްސަލާމް އަދި މޫސާ ޢަލައިހިއްސަލާމް ޝުކުރުވެރިވެވަޑައިގެންނެވި ގޮތުގެ މިސާލުތައް ޚުޠުބާގައި ވަނީ ދައްކުވައިދީފައެވެ. ސުލައިމާން ޢަލައިހިއްސަލާމްގެ އަރިހަށް ބަލްޤީސްގެ ތަޚުތު ގެނެވުނު ހިނދު، އެކަމަކީ ﷲގެ ފަޟުލުވަންތަކަމުން ވީ ކަމެއް ކަމަށާއި އެއީ ޝުކުރުކުރަނީތޯ ނުވަތަ ދެކޮޅުވެރިވަނީތޯ އިމްތިޙާނު ކުރެއްވުމަށް މެދުވެރިވި ކަމެއް ކަމަށް އެކަލޭގެފާނު ވިދާޅުވި ބަސްފުޅު ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.
މާތް ﷲއަށް ޝުކުރުވެރިވުމުގެ އިތުރުން މީސްތަކުންގެ ހެޔޮ ފޯރުވުންތަކަށް ޝުކުރުއަދާކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން، ޚާއްޞަކޮށް މައިންބަފައިންނަށް ޝުކުރުވެރިވުމުގެ އަހުމިއްޔަތުކަން ބަޔާންކުރެއްވިއެވެ. އަދި އަނެކާގެ އިޙުސާންތެރިކަމަށް ހެޔޮ ގޮތުގައި ބަދަލުދިނުމާއި މީސްތަކުންނަށް ޝުކުރުކުރުމަކީ ﷲއަށް ޝުކުރުކުރުމާ ގުޅިލާމެހިފައިވާ ކަމެއްކަން ހަނދާންކޮށްދެއްވައި ކީރިތި ރަސޫލާ ﷺ ގެ ޙަދީޘް ބަސްފުޅެއް ފާހަގަކުރެއްވިއެވެ. އެގޮތުން "މީސްތަކުންނަށް ޝުކުރުވެރިނުވާ މީހާ، މާތް ﷲއަށް ޝުކުރުވެރިއެއް ނުވެއެވެ،" މި ޙަދީޘް ބަސްފުޅުން، ހެޔޮކަމެއް ކޮށްދޭ މީހަކަށް އެކަމުގެ އަގުވަޒަންކޮށް ޝުކުރުވެރިވުމަކީ އިސްލާމީ ފުރިހަމަ އަޚުލާޤުގެ ބައެއްކަން ސާފުވާކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ތިމާ ދަތިޙާލުގައި ވަނިކޮށް ﷲގެ ފަޟުލުވަންތަކަމުން ތަނަވަސްކަން ދެއްވިކަން ހަނދާންކޮށް އެފަދަ ވާހަކަތައް މީހުންނަށް ކިޔައިދީ އުޅުމަކީ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ކަމެއް ކަމަށް ޢިލްމުވެރިން ބަޔާންކުރައްވާ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި ނިޢުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް ކަމަށާއި، ޝުކުރުވެރިވާ މީހުންނަށް ނިޢުމަތްތައް އިތުރުކޮށްދެއްވާނޭކަމާއި ނިޢުމަތްތަކަށް ފުރަގަސްދިން ބަޔަކަށް ގަދަފަދަ ޢަދާބު އޮތްކަން ހަނދާންކޮށްދެއްވިއެވެ.