Ads by Ministry of Arts, Culture and Heritage

ޚަބަރު

ކޮމާޝަލް މަސައްކަތެއް ހިއްކާ ބިންތަކުގައި ނުކުރެވޭނަމަ އެބިންތައް ބޭނުންނުކުރެވޭނެ: އޮޑިޓަރ ޖެނެރަލް

ކޮމާޝަލް މަސައްކަތެއް ހިއްކާ ބިންތަކުގައި ނުކުރެވޭނަމަ އެބިންތައް ބޭނުންނުކުރެވޭނެ: އޮޑިޓަރ ޖެނެރަލް

ރަސްމާލޭގެ ބިން ހިއްކުން. ފޮޓޯ: އެޗްޑީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ނޮވެމްބަރު 2026، 01:12

11 ނޮވެމްބަރު 2026، 01:12

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިއްކާ ބިންތަކުގައި ވިޔަފާރީގެ ނުވަތަ ކޮމާޝަލް މަސައްކަތްތަކެއް ނުކުރެވޭނަމަ އެ ބިންތައް ބޭނުންނުކުރެވި ހުންނާނެ ކަމަށާއި، ފާއިތުވި 30 އަހަރު ތެރޭގައި ހިއްކި ގިނަ ބިންތައް އަދިވެސް އޮތީ ބޭނުންނުކުރެވި ކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ހައުންސިން މިނިސްޓްރީން އެއްކުރި މައުލޫމާތުތަކަށް ބަލާއިރު ވޭތުވެދިޔަ 30 އަހަރު ތެރޭ އެކި ސަރުކާރުތަކުން 70 ވަރަކަށް ބިން ހިއްކުމުގެ މަޝްރޫއު ހިންގާފައިވާ ކަމަށެވެ. އެ މަޝްރޫއުތަކުން ރާއްޖޭގެ ހިކިފަސް ސަރަހައްދަށް ގާތްގަނޑަކަށް 2,500 ހެކްޓަރުގެ ބިން އިތުރުކުރެވިފައިވާއިރު، އެކަމަށް ދައުލަތުގެ ބަޖެޓުން 19 ބިލިއަނެއްހައި ރުފިޔާ ހަރަދުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނިޔާޒީ ފާހަގަކުރެއްވި ގޮތުގައި އެހާ ބޮޑު ހަރަދެއް ކޮށްގެން ހިއްކި ބިންތަކުގެ ތެރެއިން ގިނަ ބިންތައް އަދިވެސް ގެދޮރު އެޅުމަށާއި ސިނާއީ ބޭނުންތަކަށް އެކަށީގެންވާ ގޮތެއްގައި ބޭނުމެއް ނުކުރެވެއެވެ.

"މީގެ ތެރެއިން ތިޔަ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ގިނަ މަޝްރޫއުތައް ބިން ހިއްކާފައި އޮތަސް ކަރަންޓާއި ފެނާއި މިކަންކަން ގާއިމުކުރެވިފައި ނެތީމާ އުސޫލެއްގެ ގޮތުން އިންޑަސްޓްރިއަލް އަދި ގެދޮރުއެޅުމަށްވެސް އަދި މާބޮޑަކަށް ބޭނުންކުރެވެމުންނެއް ނޫން މިދަނީ،" 

އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

ރާއްޖޭގައި ބިމަކީ އަގުބޮޑު މުދަލެއްކަން ފާހަގަކުރައްވަމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ، 'ބިންވެރިޔާ' ސްކީމުގެ އޮޑިޓުން ފާހަގަވި ގޮތުގައި މާލޭ ސަރަހައްދުން ހިލޭ ދޫކުރި 2.8 މިލިއަން އަކަފޫޓުގެ ބިމުގެ ބާޒާރުގެ އަގަކީ ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާއެވެ. އަދި އެ ބިންތައް ވިޔަފާރީގެ އުސޫލުން ތަރައްގީކޮށް މަންފާ ހޯދިނަމަ، މުޅި ރާއްޖޭގައި ބިން ހިއްކަން ހޭދަކުރި 19 ބިލިއަން ރުފިޔާގެ 80 އިންސައްތަ އަނބުރާ ހޯދުނީސް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ދައުލަތަށް އާމްދަނީ ލިބޭނެ ގޮތަށް ބިންތައް ބޭނުންކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކޮމާޝަލް ކޮމްޕޯނެންޓެއް ލައިގެންކަން ފީޒަބަލްކޮށް ހިންގޭނީ. އެހެންނޫނިއްޔާ އަޅުގަނޑުމެން ހިއްކާ ބިންތައް ހުންނާނީ ބޭނުންނުކުރެވި. ރަންގަނޑެކޭ ހިލަގަނޑެކޭ އެއްވަރުވާނީ،" 

ނިޔާޒީ ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ނިޔާޒީ ވިދާޅުވީ، ސަރުކާރުގެ އެހެނިހެން މަޝްރޫއުތަކެކޭ އެއްފަދައިން ބިން ހިއްކުމުގެ މަޝްރޫއުތައް ވެސް އޮޑިޓު އޮފީހުން އޮޑިޓުކުރަމުންދާނެ ކަމަށާއި، ރަސްމާލެ މަޝްރޫއު ވެސް އޮޑިޓުކުރުމުން އިސްތިސްނާ ނުވާނެ ކަމަށެވެ.

ރަސްމާލޭގެ 1,100 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރު އަބޫދާބީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ހިންގާ ރިއަލް އެސްޓޭޓް މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން ބުނެފައި ވަނީ، އެ މަޝްރޫއަކީ ދިވެހިންނަށް ހާއްސަކުރާ 600 ހެކްޓަރުގެ ބިމުގައި އަސާސީ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށް މަގުފަހިކުރުމަށާއި، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ހިންގާ މުހިންމު ވިޔަފާރި މަޝްރޫއެއް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450