Ads by Farudhun

ޚަބަރު

ޕެންޝަން ފަންޑުން ހައްޖަށް ދިއުން: 24،000 އަށް ވުރެ ގިނަ މީހުން ޝަރުތު ހަމަވޭ

ޕެންޝަން ފަންޑުން ހައްޖަށް ދިއުން: 24،000 އަށް ވުރެ ގިނަ މީހުން ޝަރުތު ހަމަވޭ

ދިވެހި ޙައްޖުވެރިންތަކެއް. ފޮޓޯ:ޙައްޖު ކޯޕަރޭޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ނޮވެމްބަރު 2026، 01:37

11 ނޮވެމްބަރު 2026، 01:37

ދިވެހިރާއްޖޭގެ ޕެންޝަން ސްކީމުގައި ހުރި ފައިސާ ބޭނުންކޮށްގެން ފަރުޟު ހައްޖުގެ އަޅުކަން އަދާކުރުމުގެ ޝަރުތު ފުރިހަމަވާ 24،000 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑީއާގެ  ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޕެންޝަން އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު ޝަމްއާން ޝާކިރު ވިދާޅުވީ، ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓު (އާރްއެސްއޭ) ގައި ހުރި ފައިސާ ބޭނުންކޮށްގެން ހައްޖަށް ދިއުމުގެ ފުރުސަތު 2019 ވަނަ އަހަރު ހުޅުވާލި ފަހުން މިހާތަނަށް 369 ފަރާތަކުން އެ ފުރުސަތުގެ ބޭނުން ހިފާފައިވާ ކަމަށެވެ. އަދި މިހާރުގެ ހިސާބުތަކަށް ބަލާއިރު، މި ސްކީމުގެ ދަށުން ހައްޖަށް ދިއުމުގެ ގާބިލުކަން ލިބިފައިވާ 24،000 އަށް ވުރެ ގިނަ މެންބަރުން އެބަތިބި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޕެންޝަނާބެހޭ ގާނޫނަށް އިސްލާހު ގެނެސް، އުމުރުން 65 އަހަރު ފުރިފައިވާ މީހުންނަށް ވެސް އެމީހުންގެ ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައްޖު ވެވޭނެ ގޮތް ހަމަޖައްސައިދީ، ދާދިފަހުން ވަނީ އެ އުސޫލަށް އަމަލުކުރަން ފަށާފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ، ފައިސާ ދައްކާތާ ތިން އަހަރު ވެފައިވާ 70 އަހަރުން މަތީގެ 324 މީހަކު އަންނަ އަހަރު ސަރުކާރުން ހައްޖަށް ފޮނުވުމަށް ނިންމާފައިވާކަން ވެސް އިއުލާނު ކުރައްވާފައެވެ.

ޕެންޝަން ފަންޑުން ހައްޖަށް ދިއުމުގެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، އެ މީހަކީ މީގެ ކުރިން ހައްޖު އަދާކޮށްފައިނުވާ މީހަކަށް ވުމާއި، ރިޓަޔަމަންޓު އެކައުންޓުގައި މަދުވެގެން 336،000 ރުފިޔާ ހުރުން ހިމެނެއެވެ. ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާނަމަ، އެ ފައިސާ އުނިކުރުމަށްފަހު ވެސް 336،000 ރުފިޔާ ބާކީ ހުންނަންޖެހެއެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މާކެޓިންގ އެންޑް ޕީއާރު ހެޑް އަބްދުﷲ މުއާޒު ވިދާޅުވި ގޮތުގައި، ޕެންޝަން އެކައުންޓުގައި އެ އަދަދު ހަމަނުވި ނަމަވެސް، ހައްޖުގެ ޖުމުލަ އަގު ކަމަށްވާ 69،965 ރުފިޔާގެ ތެރެއިން 75 އިންސައްތަ އަމިއްލައަށް ދައްކައިގެން ކިޔޫގައި ބައިވެރިވެވޭނެއެވެ. އަދި ޕެންޝަން ގަވާއިދަށް ގެނައި ބަދަލުގެ ސަބަބުން ކިޔޫގެ ތަރުތީބަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، ޖާގަ ލިބޭނީ އަބަދުވެސް ފައިސާ ދެއްކި ތަރުތީބުން ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު އަލަށް ނަން ނޯޓުކުރާ ފަރާތްތަކަށް ޖާގަ ލިބެން އޮތީ 2043 ވަނަ އަހަރު ކަމަށް ވެސް މުއާޒު ފާހަގަކުރެއްވިއެވެ.

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އަހަރަކު ދޫކުރާ 1،000 ހައްޖު ކޯޓާގެ ތެރެއިން 850 ޖާގަ ހާއްސަކުރަނީ އާންމު ކިޔޫ ތަރުތީބަށެވެ. ބާކީ ޖާގަތަކުގެ ތެރެއިން 100 ޖާގަ އެހީތެރިންނާއި ހިދުމަތްތެރިންނަށް ދޫކުރާއިރު، ފަގީރުންގެ ލިސްޓުގައި ހިމެނޭ 50 މީހަކު ދައުލަތުގެ ހަރަދުގައި ކޮންމެ އަހަރަކު ހައްޖަށް ފޮނުވުމަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

Ads by MSS

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450