ޚަބަރު
މީރާއަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ 25 ފަރާތެއްގެ މައުލޫމާތު އާންމުކޮށްފި
މީރާގެ އޮފީސް.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ނުދައްކައިވާ 25 ފަރާތެއްގެ މައުލޫމާތު އެ އޮތޯރިޓީން މިއަދު އާންމުކޮށްފިއެވެ.
މީރާއިން ހާމަކުރި ގޮތުގައި، ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މިފަހަރު އާންމުކޮށްފައިވަނީ، 2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާއި، ޑިސެންބަރު 2024 އިން ޖޫން 2026 ގެ ނިޔަލަށް ދައްކަންޖެހޭ އާމްދަނީން ނަގާ ޓެކްސް އަދި ޖީއެސްޓީގެ ގޮތުގައި އެއް މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދައްކަންޖެހިފައިވާ ފަރާތްތަކުގެ މައުލޫމާތެވެ.
އެ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ ކުރިން، ކަނޑައެޅިފައިވާ އިޖުރާއަތުތަކާ އެއްގޮތަށް ފޯނުން ގުޅައި، ފައިސާ ނުދައްކައިފިނަމަ ގާނޫނީ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި އަދަބުތައް ބަޔާންކޮށްދީފައިވާނެ ކަމަށް މީރާއިން ބުންޏެވެ. އަދި މީގެ އިތުރުން، އެސްއެމްއެސް މެދުވެރިކޮށް ވެސް އެ ފަރާތްތަކަށް އެކަން ހަނދާންކޮށްދީފައިވާނެ ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.
ދައުލަތަށް ލިބެންޖެހޭ ޓެކުހުގެ ފައިސާ ހޯދުމަށްޓަކައި، މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަންޖެހޭ އެންމެހައި ގާނޫނީ ފިޔަވަޅުތައް އެއްވެސް އިސްތިސްނާއެއް ނެތި އަޅަމުން ގެންދާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އެހެންކަމުން، މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ލަސްނުކޮށް ބަޔާންތައް ހުށަހެޅުމަށާއި، ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކައި ހަލާސްކުރުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.