ޚަބަރު
ދިގު ހަފްތާ ބަންދެއް: ހުޅުމާލޭގައި ތަފާތު ހަރަކާތްތަކެއް ބާއްވަނީ
ހުޅުމާލޭގައި ކުރިއަށްދިޔަ ހަރަކާތެއް. ފޮޓޯ: އެޗްޑީސީ
ޖުމްހޫރީ ދުވަހާއި ގުޅިގެން 4 ދުވަހުގެ ބޮޑު ޗުއްޓީއެއް ލިބިގެންދާއިރު، މި ދިގު ހަފްތާ ބަންދުގައި ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯއިން އިންތިޒާމުކުރާ ކެޑޭޓް ޕެރޭޑް
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ) އިން އިންތިޒާމުކުރާ ކެޑޭޓް ޕެރޭޑް ހުޅުމާލެގެ ފޭސް 1 އަދި ފޭސް 2 ގައި ކުރިއަށްދާނެއެވެ.
މާލެ ސަރަޙައްދުގެ 16 ސުކޫލަކުން ގިނަ އަދަދެއްގެ ކެޑޭޓުން ބައިވެރިވާ މި ޕެރޭޑް، ނޮވެމްބަރު 11 ވާ ބުދަ ދުވަހުގެ ހަވީރު ފެށިގެންދާނީ ހުޅުމާލޭ ފޭސް 1 ގެ ހުރަވީ ސްކޫލް ސަރަހައްދުންނެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންތިޒާމުކުރާ ކާނިވަލް
ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ "ކާނިވާ 44" ނޮވެމްބަރު 11 އިން 13 އަށް ކުރިއަށްދާނެއެވެ. މި ހަރަކާތް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން ރޭގަނޑު 23:00 އަށެވެ.
ތަފާތު ހަރަކާތްތައް ހިމެނޭހެން މި ކާނިވަލް ކުރިއަށްދާނެއިރު، މި ކާނިވަލުގައި ތަފާތު ވައްތަރުގެ ކާބޯތަކެއްޗާއި ފުޑް ސްޓޯލްތަކުގެ އިތުރުން ލައިވް މިއުޒިކް ވެސް ފެނިގެންދާނެއެވެ. އަދި ބީއެމްއެލްގެ ތަފާތު ހިދުމަތްތަކުގެ މައުލޫމާތުތައް ވެސް މި ކާނިވަލްއިން ލިބޭނެއެވެ.
މި ހަރަކާތްތަކާއެކު، ކުރިއަށް މިއޮތް ހަތަރު ދުވަހުގެ ދިގު ޗުއްޓީއަކީ އާއިލީ ގުޅުންތައް ބަދަހިކޮށް، ކުދިންނަށް އުފާވެރި މާހައުލެއް ހޯދައިދިނުމަށް ލިބޭނެ އަގުހުރި ފުރުސަތެއް ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
އެހެންކަމުން އެޗްޑީސީން ވަނީ ހުޅުމާލޭގެ އެންމެހައި ރައްޔިތުންނަށާއި މާލެ ސަރަހައްދުގެ އެންމެހައި ފަރާތްތައް މި ހަރަކާތްތަކުގައި ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.