Ads by Ministry of Arts, Culture and Heritage

ޚަބަރު

ފޯޅަވަހީގެ މައްސަލައިގައި އެކުލަވާލި ކޮމިޝަނަށް ބަދަލެއް

ފޯޅަވަހީގެ މައްސަލައިގައި އެކުލަވާލި ކޮމިޝަނަށް ބަދަލެއް

ފޯޅަވަހި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ނޮވެމްބަރު 2026، 10:59

10 ނޮވެމްބަރު 2026، 10:59

ފޯޅަވަހީގެ މައްސަލައިގައި ދިވެހިރާއްޖޭން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަނަށް ބަދަލުތަކެއް ގެންނަވައި، އެ ކޮމިޝަނުގެ ރައީސްކަމަށް ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު ހަމަޖައްސަވައިފިއެވެ. މިއީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވާފައިވާ ކޮމިޝަނެކެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ލިބިދޭ އިޚުތިޔާރުގެ ދަށުން، "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން"ގެ ނަމުގައި އުފެއްދެވި މި ކޮމިޝަނުގެ ރައީސްގެ މަޤާމުގައި ކުރިން ހުންނެވީ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އަޙްމަދު ޝާކިރުއެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމިޝަނުގައި ކުރިން ތިއްބެވި ބޭފުޅުންނަށް ބަދަލުގެންނަވައި، ކޮމިޝަނަށް ދެ ބޭފުޅަކު އަލަށް އައްޔަން ކުރައްވާފައެވެ.

މި ބަދަލުތަކާއެކު މިހާރު ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

  • ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު (ކޮމިޝަނުގެ ރައީސް)
  • ކެޕްޓަން އަޙްމަދު ޒުބައިރު
  • ޑރ. އާމިނަތު ޝާފިޔާ އާދަމް
  • ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) މުޙައްމަދު ޞާދިޤް
  • އަޙްމަދު ޢަލީމަނިކު
  • އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު
  • އަލްއުސްތާޛާ އާއިޝަތު ފަޒްނާ އަޙްމަދު


ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މި ކޮމިޝަން އުފައްދަވާފައިވަނީ މޮރިޝަސްގެ ފަރާތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅައިގެން ކުރިއަށްދިޔަ ކަނޑުގެ އިމުގެ މައްސަލަ ދިރާސާކޮށް ރާއްޖެއިން ކުރިޔަށްދާނެ ގޮތެއް ހޯދުމަށް ޢައްޔަނުކުރެވުނު ބައިނަލްއަޤްވާމީ ޚަބީރުންގެ ރިޕޯޓުތަކާ ގުޅިގެންނެވެ. އެ ރިޕޯޓުތަކުގައި ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ދިޔައީ ރާއްޖެއިން ކަންކުރިގޮތުން ކަމަށް ލަފާދެއްވާފައިވާއިރު، މިއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ އަދި ކަނޑުއަޑީގެ ބިމުގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމަކަށްވާތީ މި މައްސަލަ ބައްލަވައި ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ކަނޑައަޅުއްވާފައިވާ ގޮތުން، އިޓްލޮސްގެ މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި އެ މައްސަލައިގެ މައުޟޫޢު އެގޮތުގައި ހުށަހެޅި ކުރިޔަށްދިޔަ ގޮތުގައްޔާއި، މައްސަލައަށް ރާއްޖެއިން ޖަވާބުދާރީވުމުގައްޔާއި، މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހައި ކަންކަމުގައި ދައުލަތުގެ މުވައްޒަފުންނާއި ލަފާދިން ފަރާތްތަކުން ޢަމަލުކޮށްފައިވާ ގޮތް މި ކޮމިޝަނުން ތަހުގީގުކުރަންޖެހޭނެއެވެ. އަދި ދައުލަތުގެ ފަރާތުން ސީދާގޮތުންނާއި ނުސީދާގޮތުން ޝާމިލުވި މަސްއޫލުވެރީންނާއި ބާރުތައް ލިބިގެންވީ ފަރާތްތަކުގެ އެއްވެސް ޤާނޫނީ އިހުމާލެއް އޮތްތޯ ބަލައި، އިހުމާލުގެ އިންތައް ކަނޑައަޅަންވާނެއެވެ.

މީގެއިތުރުން، އެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓައި ރައްކައުކުރެވިފައިވާ ގޮތް ބެލުމާއި، ޒިންމާކުރުވަންޖެހޭ ފަރާތްތަކާމެދު އެޅުމަށް ފެންނަ ފިޔަވަޅުތައް ކަނޑައެޅުންވެސް ކޮމިޝަނުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ކުރިޔަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ފެންނަ ކަންކަން ހުށަހެޅުންވެސް މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭއިރު، މި ކޮމިޝަން ދެމިއޮންނާނީ މަތިކޮށްފައިވާ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެނެވެ.

Ads by Ministry of Arts, Culture and Heritage

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450