Ads by Farudhun

ޚަބަރު

ސައޫދީ އަރަބިއްޔާއަށް ހޫޘީން ދޭ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ސައޫދީ އަރަބިއްޔާއަށް ހޫޘީން ދޭ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ޚާރިޖީ ވުޒާރާ---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 ނޮވެމްބަރު 2026، 10:27

10 ނޮވެމްބަރު 2026، 10:27

ސައޫދީ އަރަބިއްޔާގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް ހޫޘީ ހަނގުރާމަވެރިން މެދުކެނޑުމެއްނެތި ދެމުންގެންދާ ޓެރަރިސްޓް ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާއި ގުޅިގެން ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށާއި އެ ޤައުމުގެ ދެކުނުގެ ސަރަޙައްދުތަކުގައިވާ މުހިންމު މަދަނީ އަދި އިދާރީ މަރުކަޒުތަކަށް އަމާޒުކޮށް، ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހޫޘީން ދޭ ހަމަލާތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. 

އަދި މިފަދަ ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ ސިޔާދަތާއި އިސްތިޤްލާލަށް އަރައިގަތުމުގެ އިތުރުން، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ނުރައްކާތެރި ޢަމަލުތަކެއް ކަމުގައި ރާއްޖެއިން ވަނީ ބަޔާންކޮށްފައެވެ.

މީގެއިތުރުން، މި ހަމަލާތަކުގެ ސަބަބުން ސައޫދީ އަރަބިއްޔާގެ ޢާންމު ރައްޔިތުންގެ ފުރާނައަށް ބޮޑު ނުރައްކަލެއް ކުރިމަތިވެ، މުޅި ސަރަޙައްދުގެ ޞުލްޙަ މަސަލަސްކަމާއި، އަމަންއަމާންކަމާއި ހަމަޖެހުމަށް ބުރޫއަރަމުންދާކަން ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، މިފަދަ ހުރިހާ ޢަދާވާތްތެރި ޢަމަލުތަކެއް މިހާރުން މިހާރަށް ހުއްޓާލުމަށް ދިވެހިރާއްޖެއިން ވަނީ ގޮވާލާފައެވެ.

ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނީ ސައޫދީ އަރަބިއްޔާގެ ސަރުކާރާއި އެ ޤައުމުގެ އަޚުވަންތަ ރައްޔިތުންނާއެކު ފުރިހަމަ އެއްބައިވަންތަކަންމަތީގައި ކަމުގެ ޔަޤީންކަން ވެސް ސަރުކާރުން ވަނީ އަރުވާފައެވެ. އަދި ސައޫދީ އަރަބިއްޔާގެ ސިޔާދަތާއި، އަމަންއަމާންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށާއި، މާތްވެގެންވާ ދެ ޙަރަމްފުޅު ރައްކާތެރިކުރުމަށްޓަކައި އެ ޤައުމުގެ ސަރުކާރުން އަޅުއްވާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ދިވެހި ސަރުކާރުން ވަނީ ތަކުރާރުކޮށް ހާމަކޮށްފައެވެ.

Ads by MSS

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450