ދުނިޔެ

ޣައްޒާއަށް ކުރިމަތިވި ވިއްސާރައިގައި 70،000 އާއިލާއެއްގެ ޓެންޓަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް

ޣައްޒާއަށް ކުރިމަތިވި ވިއްސާރައިގައި 70،000 އާއިލާއެއްގެ ޓެންޓަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް

ޣައްޒާގެ ޓެންޓްތައް ފެންބޮޑުވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ނޮވެމްބަރު 2026، 08:52

08 ނޮވެމްބަރު 2026، 08:52

މި ފިނި މޫސުމުގައި ޣައްޒާއަށް ކުރިމަތިވި ފުރަތަމަ ތޫފާނާ ގުޅިގެން ވެހުނު ބޯވާރޭގައި، ގެދޮރު ގެއްލިފައިވާ ފަލަސްތީނު ރައްޔިތުން ދިރިއުޅޭ ގާތްގަނޑަކަށް 70،000 އެއްހާ ޓެންޓަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ ކަމަށް ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފިއެވެ.

ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި މީޑިއާ އޮފީހުން ބުނީ، ފުރަތަމަ 12 ގަޑިއިރުގެ ތެރޭގައި ލިބުނު ގެއްލުންތައް ގާތްގަނޑަކަށް 3 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. ވިއްސާރައާއި ވަރުގަދަ ވައިގެ ސަބަބުން އިމާރާތްތަކުގެ ފާރުތައް ވެއްޓި ބައެއް މީހުންނަށް އަނިޔާވެފައިވާ އިރު، އިސްރާއީލުގެ ހަމަލާތަކުގައި ކުރިން ރެނދުލައި ހަލާކުވެފައިވާ އިމާރާތްތައް ވެއްޓުމުގެ ނުރައްކާ ވެސް ބޮޑުވެފައިވެއެވެ. ޣައްޒާގެ ބޯޑަރުތައް ބަންދުކޮށް، ހިޔާވަހިކަމަށާއި އަލުން އާރާސްތުކުރުމަށް ބޭނުންވާ ތަކެތި އެތެރެކުރުން ހުއްޓުވާފައި އޮތުމުން މެދުވެރިވި މި ކާރިސާގެ ފުރިހަމަ ޒިންމާ އިސްރާއީލުން އުފުލަންޖެހޭނެ ކަމަށް މީޑިއާ އޮފީހުން ވަނީ ބުނެފައެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އިދާރާއިން މައުލޫމާތު ދިން ގޮތުގައި ވިއްސާރަ ފެށުނު ފުރަތަމަ 10 ގަޑިއިރުގެ ތެރޭގައި އެހީއަށް އެދި 1،500 އަށް ވުރެ ގިނަ ކޯލް އެ އިދާރާއަށް ވަނީ ލިބިފައެވެ. އަދި ބައެއް ސަރަހައްދުތަކުގައި 30 އާއި 40 ސެންޓިމީޓަރާ ދެމެދުގެ މިންވަރަކަށް ފެންބޮޑުވެފައިވެއެވެ. ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބަސަލް ވިދާޅުވީ، ބައެއް ހިޔާވަހިކަންދޭ މަރުކަޒުތަކަށް އެއްކޮށް ފެންވަދެ، އެ ތަންތަނުގައި ތިބި މީހުން މަގުމަތިވެފައިވާ ކަމަށާއި އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވަނީ ޅަފަތުގެ ކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ކަމަށެވެ.

ޣައްޒާ ސިޓީއާއި، ޚާން ޔޫނިސް އަދި ދައިރުލް ބަލަހްގެ ކޭމްޕުތަކުން ފެންނަ މަންޒަރުތަކުން، ފެންބޮޑުވެފައިވާ މަގުތަކާއި ކިސަޑުތަކުގެ ތެރޭގައި އާއިލާތަކުން ހާލުގައި އުޅެމުންދާ މަންޒަރު ވަނީ ފެނިފައެވެ. ގިނަ ބައެއްގެ ގޮދަޑިތަކާއި ކުއިލްޓުތައް ތެމިފައިވާއިރު، ނުސައިރާތު ސަރަހައްދުގައި ގެއެއްގެ ބައެއް ވެއްޓިގެން މީހުން ސަލާމަތްކުރަން ޖެހުނެވެ. އަދި އުތުރު ޣައްޒާގައި އިމާރާތެއްގެ ފާރެއް ވެއްޓި ދެ މީހަކު ޒަޚަމްވެފައިވާ ކަމަށް ވަފާ ނިއުސް އޭޖެންސީން ވަނީ ރިޕޯޓުކޮށްފައެވެ.

ދެކުނު ޣައްޒާގެ އަލް މަވާސީ ސަރަހައްދުގައި 900،000 އަށް ވުރެ ގިނަ މީހުން ހިޔާވަހިކަން ހޯދަމުން އަންނައިރު، ކަނޑުގެ އައްސޭރިފަށުގައި ޓެންޓު ޖަހައިގެން ތިބި 125،000 އަށް ވުރެ ގިނަ އާއިލާއެއްގެ ޓެންޓުތައް ކަނޑުގެ ބާނިތަކާއެކު ދަމައިގަތުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ޣައްޒާގެ ކުއްލި ހާލަތްތަކާ ބެހޭ ކޮމިޓީން ބުނެފައިވަނީ ފިނި މޫސުމުގެ ގަދަފަދަ ހާލަތާ އެއް މިލިއަނަށް ވުރެ ގިނަ މީހުން ކުރިމަތިލަމުންދާ އިރު، ކުއްލި ގޮތެއްގައި 200،000 ޓެންޓާއި ހޫނުކުރާ ސާމާނު ބޭނުންވާ ކަމަށެވެ.

މި ވިއްސާރައިގެ އަސަރު ޣައްޒާގެ ޞިއްޙީ ނިޒާމަށް ވެސް ވަނީ ފޯރާފައެވެ. ޣައްޒާ ސިޓީގެ އަލް ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިޔާ ވިދާޅުވީ، ހޮސްޕިޓަލުގެ އިމަޖެންސީ ޑިޕާޓްމަންޓަށް ފެންވަދެ ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ޚިދުމަތް މެދުކެނޑުނު ކަމަށެވެ. އަދި ފެނާއި ނަޖިސް އެކުވެފައިވާ ފެންގަނޑުތަކުގެ ސަބަބުން ބަލިމަޑުކަން ފެތުރި، ފިނީގެ ސަބަބުން އަލަށް އުފަންވާ ކުދިންގެ ފުރާނައަށް ބޮޑު ނުރައްކަލެއް އޮތް ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

ފަލަސްތީނިއަން އެންޖީއޯ ނެޓްވޯކްގެ ޑިރެކްޓަރު މުހައްމަދު ސަލްހާ ފާހަގަކުރެއްވި ގޮތުގައި، އެއްބަސްވުމުގައި 600 ލޮރީ އެތެރެކުރުމަށް އޮތް ނަމަވެސް، މިހާރު ދުވާލަކު އެތެރެކުރެވެނީ އެންމެ 180 އާއި 200 އާ ދެމެދުގެ އަދަދެއްގެ ލޮރީއެވެ. އަދި އޭގެ ތެރެއިން ވެސް އިންސާނީ އެހީ ހިމެނެނީ ގާތްގަނޑަކަށް 40 ލޮރީގައެވެ. މިސްރުގެ ބޯޑަރު ކައިރީގައި 50،000 ޓެންޓު ތާށިވެފައި ހުރި އިރު، އިސްރާއީލަށް ކުރިމަތިކުރާ ބައިނަލްއަގުވާމީ ޕްރެޝަރު ކުޑަކަމުން އެހީގެ ސާމާނު ޣައްޒާއަށް އެތެރެކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450