ދުނިޔެ
ޗައިނާގެ ޖައްވީ މިޝަނަށް ޕާކިސްތާނުގެ އެސްޓްރޮނޯޓަކު ހޮވިއްޖެ
ޗައިނާގެ ޖައްވީ މިޝަނަށް ޕާކިސްތާނުގެ އެސްޓްރޮނޯޓަކު ހޮވުން
ޗައިނާއިން ކުރިއަށް އޮތް "ޝެންޒޯ-24" (Shenzhou-24) މިޝަންގެ ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕާކިސްތާނުގެ އެސްޓްރޮނޯޓަކު ހަމަޖައްސައިފިއެވެ.
މިއާއެކު މި އެސްޓްރޮނޯޓް ވެގެންދާނީ ޗައިނާގެ ޖައްވީ ސްޓޭޝަނަށް ދަތުރުކުރާ ބޭރު ގައުމެއްގެ ފުރަތަމަ ރައްޔިތަށެވެ.
ޗައިނާގެ މޭންޑް ސްޕޭސް އޭޖެންސީން ނިންމި މި ނިންމުމަކީ ބެއިޖިންގްގެ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" ގެ ދަށުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ތެރެއިން ހަމަޖެހިގެންދިޔަ ފުރުސަތެއް ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ހޮނިހިރު ދުވަހު ވަނީ ރިޕޯޓްކޮށްފައެވެ. މި މިޝަންގައި ބައިވެރިވާ އެސްޓްރޮނޯޓުގެ ވަނަވަރާއި ޖައްވަށް ފުރާނެ ސީދާ ތާރީޚެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، މި އަހަރު ނިމުމުގެ ކުރިން މި ދަތުރު ފެށޭނެ ކަމަށް ބެލެވެއެވެ.
މި މިޝަނަށް ތައްޔާރުވުމުގެ ގޮތުން ޕާކިސްތާނުގެ ޕައިލެޓުން ކަމަށްވާ ޒީޝާން އަލީ އަދި ޚުއްރަމް ދާއޫދު ވަނީ ބެއިޖިންގްގެ "ޗައިނާ އެސްޓްރޮނޯޓް ރިސާޗް އެންޑް ޓްރެއިނިންގް ސެންޓަރު" ގައި އެތައް މަހެއްގެ ތަމްރީނު ފުރިހަމަކޮށްފައެވެ. މި ތަމްރީނު ޕްރޮގްރާމުގައި އޮޕަރޭޝަނަލް އަމަލީ ހަރަކާތްތަކުގެ އިތުރުން، މިޝަނަށް ތައްޔާރުވުމަށް ޗައިނާ ބަސް އުނގަންނައިދިނުމުގެ ދަންފަޅިތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ދެ ގައުމުގެ ޒަމާންވީ ސްޓްރެޓީޖިކް އަދި ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން، ޕާކިސްތާނުގެ އެސްޓްރޮނޯޓުން ތަމްރީނުކުރުމަށް ޗައިނާގެ ސަރުކާރުން އިސްނަގައިގެން ޕްރޮގްރާމެއް ހިންގުމަށް މިދިޔަ ފެބުރުއަރީ މަހު ދެ ގައުމުގެ ދެމެދުގައި ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ. ޗައިނާއަކީ ޕާކިސްތާނުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާގެ އިތުރުން އެ ގައުމުގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުން އަންނަ ފަރާތެކެވެ.
މީގެ އިތުރުން، ޗައިނާގެ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަނުން ޕާކިސްތާނުގެ ފުރަތަމަ ލޫނާ ރޯވާ "ޖިއްނާހް-1" (Jinnah-1) ހަނދަށް ފޮނުވުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. ބަރުދަނުގައި 35 ކިލޯގްރާމް (77 ޕައުންޑް) ހުންނަ އަދި ޚާއްސަ ސައިންޓިފިކް އާލާތްތައް ހަރުކޮށްފައިވާ މި ރޯވާގެ މައިގަނޑު މަގުސަދަކީ ހަނދުގެ ޕްލާޒްމާގެ ހަރަކާތްތަކާއި، ރޭޑިއޭޝަން އަދި ފަސްގަނޑުގެ ބާވަތްތައް ދިރާސާކުރުމެވެ.
ޗައިނާ ސެންޓްރަލް ޓެލެވިޜަން (ސީސީޓީވީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖައްވުގައި ކުރު މުއްދަތެއްގެ މިޝަނެއް ފުރިހަމަކުރުމަށްފަހު މި އެސްޓްރޮނޯޓުން އެނބުރި ދުނިޔެއަށް އަންނާނީ "ޝެންޒޯ-23" ޖައްވީ އުޅަނދުގައެވެ.
ފަހަކަށް އައިސް ޗައިނާއިން ވަނީ އެ ގައުމުގެ ޖައްވީ ޕްރޮގްރާމްތަކަށް ބޮޑެތި ޚަރަދުތަކެއްކޮށް، މި ދާއިރާއިން އެމެރިކާއާ އެއްވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން 2030 ވަނަ އަހަރުގެ ނިޔަލަށް ހަނދަށް އެސްޓްރޮނޯޓުން ފޮނުވުމަކީ ޗައިނާގެ އަމާޒެކެވެ.
ހަމައެއާއެކު، ހަނދުގައި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމަށް އެމެރިކާ، ރަޝިޔާ އަދި ޗައިނާގެ މެދުގައި ވަރުގަދަ ވާދަވެރިކަމެއް ދަނީ ހިނގަމުންނެވެ. އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން 2030 ގެ ނިޔަލަށް ހަނދުގައި ނިއުކްލިއާ ރިއެކްޓަރެއް ގާއިމުކުރުމަށް ރާވަމުން އަންނައިރު، ރަޝިޔާއިން ޗައިނާއާ ގުޅިގެން 2036 ގެ ނިޔަލަށް މިފަދަ ރިއެކްޓަރެއް ބެހެއްޓުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މި ރިއެކްޓަރުތައް މުހިންމުވަނީ ހަނދުގެ އަޑިގުދަންތަކުގައި ގަނޑުވެފައިވާ ފެން ނެގުމަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށެވެ. ސައިންސްވެރިން ދެކޭގޮތުގައި މި ފެނަކީ ކުރިމަގުގައި ހަނދުގައި ގާއިމުކުރާ މަރުކަޒުތަކަށް ބޭނުންވާ ބޯފެނާއި، އޮކްސިޖަން އަދި ރޮކެޓް ފިއުލް އުފެއްދުމަށް ބޭނުންކުރެވިދާނެ ވަސީލަތެކެވެ. މީގެ އިތުރުން މި ރިއެކްޓަރުތަކުގެ އެހީގައި ހަނދުގައި ގާއިމުކުރާ ބޭސްތަކަށް ކަރަންޓުގެ ހަކަތަ ވެސް ފޯރުކޮށްދެވޭނެއެވެ.