ދުނިޔެ

ވިއްސާރައިގައި ޣައްޒާގެ އިމާރާތްތައް ވެއްޓުމުގެ ބިރު ބޮޑުވެއްޖެ

ވިއްސާރައިގައި ޣައްޒާގެ އިމާރާތްތައް ވެއްޓުމުގެ ބިރު ބޮޑުވެއްޖެ

އިސްރާއިލުން ބޮން އަޅާ ހަލާކުކޮށްލާފައިވާ ޣަައްޒާގެ އިމާރާތެއް. ފޮޓޯ: އީޕީއޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ނޮވެމްބަރު 2026، 08:37

08 ނޮވެމްބަރު 2026، 08:37

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިމާރާތްތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން، އެ ތަންތަން ބޯމައްޗަށް ވެއްޓިދާނެކަމުގެ ބިރުވެރިކަން ބޮޑުވެ، ހާލުގައި ޖެހިފައިވާ އެތައް ހާސް އާއިލާއެއްގެ ދިރިއުޅުން އިތުރަށް ނުރައްކަލުގެ ތެރެއަށް ވެއްޓިއްޖެއެވެ.

ފާއިތުވި ދުވަސްތަކުގައި ޣައްޒާއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ، ރެފިއުޖީ ކޭމްޕުތަކުގައި ޖަހާފައިވާ ފޭލިގެތަކަށާއި ރެނދުލާފައިވާ އިމާރާތްތަކަށް ވަނީ ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިފައެވެ.

އދ. ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯޗާ) އިން ހާމަކޮށްފައިވާ ގޮތުގައި، ގެދޮރު ގެއްލިފައިވާ ގާތްގަނޑަކަށް 950,000 މީހުން ދިރިއުޅެމުންދަނީ ފެންބޮޑުވުމުގެ ނުރައްކާ އޮތް ސަރަހައްދުތަކުގައެވެ. އޭގެ ތެރެއިން 400,000 އަށް ވުރެ ގިނަ މީހުން ތިބީ އިންތިހާއަށް ނުރައްކާ ބޮޑު ތިރި ސަރަހައްދުތަކުގައެވެ. މީގެއިތުރުން، 44,000 އެއްހާ ފަލަސްތީނު ރައްޔިތުން ދިރިއުޅެމުންދަނީ ރައްކާތެރިކަމެއް ނެތް، ބާވެ ހަލާކުވެފައިވާ އިމާރާތްތަކުގައެވެ. އަދި ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ސަބަބުން އެއްކޮށް ނުވަތަ ބައެއް ތަޅާލަންޖެހޭ 4,000 އަށް ވުރެ ގިނަ އިމާރާތް މުޅި ޣައްޒާގައި އެބަހުއްޓެވެ.

ފިނި މޫސުން ފެށިގެން އައިއިރު ހިޔާވަހިކަމުގެ އެހީތެރިކަން 294,250 އާއިލާއަކަށް ބޭނުންވެފައިވީ ނަމަވެސް، މިވަގުތު ހުރި ވަސީލަތްތަކުން ފުއްދައިދެވެނީ އެ ބޭނުންތަކުގެ އެންމެ 18 އިންސައްތައެވެ. އޮކްޓޯބަރު 2023 ގައި އިސްރާއީލުން ފެށި ހަނގުރާމައަށް ފަހު، ގިނަ އާއިލާތަކުން ފިނި މޫސުމާ މި ކުރިމަތިލަނީ ގެދޮރުން ބޭރުގައި ހޭދަކުރާ ހަތަރުވަނަ ފަހަރަށެވެ.

ޣައްޒާގެ މުނިސިޕަލްޓީގެ ތަރުޖަމާނު ހުސްނީ މުހަންނާ ވިދާޅުވި ގޮތުގައި، ވިއްސާރައިގެ ސަބަބުން އުފެދޭ ފެންގަނޑު ހިންދުމަށް މުނިސިޕަލްޓީއަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައެވެ. ވާރޭފެން ހިންދާ 15 ކިލޯމީޓަރުގެ ހޮޅިލައިނާއި، 212 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައަށް ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ. އަދި ފެން ހިންދާ 8 ޕަމްޕު ސްޓޭޝަނާއި، ވާރޭފެން އެއްކުރާ މައި 3 ކޯރު ވަނީ ބޭނުންނުކުރެވޭ ހާލަތުގައެވެ. މިހާރު ހުރި ނިޒާމަށް އެންމެ ރަނގަޅު ހާލަތުގައިވެސް ކޮންޓްރޯލް ކުރެވެނީ ވާރޭފެނުގެ އެންމެ 20 އިންސައްތައެވެ.

ހަމައެކަނި ޣައްޒާ ސިޓީގައިވެސް ވެއްޓުމުގެ ނުރައްކާ އޮތް 2,000 އަށް ވުރެ ގިނަ އިމާރާތް އެބަހުރި ކަމަށާއި، ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ކުނިބުނީގެ މިންވަރު 25 މިލިއަން ޓަނަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް މުހަންނާ ފާހަގަކުރެއްވިއެވެ. ތެލާއި، މަރާމާތުކުރާ ސާމާނާއި ސްޕެއާ ޕާޓްސް ނެތުމުގެ ސަބަބުން ފެންހިންދުމުގެ ނިޒާމު އިއާދަކުރުމަށް ވަނީ ނުކުޅެދިފައެވެ.

ވިއްސާރައިގެ ސަބަބުން ރެފިއުޖީ ކޭމްޕުތަކުގައި ފެންބޮޑުވެ، ބައެއް ސަރަހައްދުތަކުގައި ފެންގަނޑު 30 އާއި 40 ސެންޓިމީޓަރާ ދެމެދުގެ އުސްމިނަކަށް އަރާފައިވާއިރު، ސިވިލް ޑިފެންސް އިދާރާއަށް އެތައް ސަތޭކަ ކޯލެއް ވަނީ ލިބިފައެވެ. ޣައްޒާގެ އުތުރުގައި އޮންނަ އަލްމީނާ ކޭމްޕުގައި ދިރިއުޅޭ 1,700 އެއްހާ އާއިލާގެ ފޭލިގެތަކަށް ފެންވަދެ، ކިސަޑުގަނޑަކަށް ބަދަލުވެފައިވާއިރު، މީހުން ދަނީ އެމީހުންގެ ދަރިން ފިންޏާއި ވައިގެ ނުރައްކަލުން ސަލާމަތްކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

މެދުތެރޭ ޣައްޒާގެ ނުސައިރާތު ކޭމްޕުގައި، ހަމަލާތަކުގައި ފުރާޅު ވެއްޓިފައިވާ އިމާރާތެއްގައި ދިރިއުޅޭ އުމުރުން 54 އަހަރުގެ ނާސިރު އަލްހައްޖު ބުނި ގޮތުގައި، ކޮންމެ ވަގުތަކުވެސް ބޯމައްޗަށް ވެއްޓިދާނެ ތަނެއްގައި ދިރިއުޅެން މަޖުބޫރުވެފައިވަނީ އެހެން އެއްވެސް ގޮތެއް ނެތުމުންނެވެ. އޭނާ ފާހަގަކުރި ގޮތުގައި ކުއްޔަށް ތަންތަން ހިފުމުގެ އަގު ބޮޑުވެފައި، ފޭލިގެއެއްގައި ދިރިއުޅުމަކީވެސް ރައްކާތެރި ކަމެއް ނޫނެވެ.

ނުސައިރާތު ކޭމްޕުގެ އިމަޖެންސީ ކޮމިޓީގެ އޮފިޝަލެއް ކަމަށްވާ އަދްލީ އަވާދް ވިދާޅުވީ، ވިއްސާރައިގެ އަސަރުކޮށްފައިވާ އާއިލާތަކަށް ފޭލިގެއާއި ތާރުޕޯލިން ބެހުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އެހީއަށް ބޭނުންވެފައިވާ މީހުންގެ އަދަދު އަތުގައި ހުރި ސާމާނަށް ވުރެ އެތައް ގުނައެއް އިތުރު ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450