ދުނިޔެ

އިސްރާއީލުގައި އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު ނަތަންޔާހޫއަށް ނުދީ އައިޒެންކޮޓަށް ދީފި

އިސްރާއީލުގައި އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު ނަތަންޔާހޫއަށް ނުދީ އައިޒެންކޮޓަށް ދީފި

އިސްރާއީލްގެ ކުރީގެ އަސްކަރީ ވެރިޔާ ގާޑީ އައިޒެންކޮޓް. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ނޮވެމްބަރު 2026، 08:35

08 ނޮވެމްބަރު 2026، 08:35

އިސްރާއީލުގައި އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު، އެ ގައުމުގެ ރައީސް އިސްހާގް ހަރޒޮގް، ކުރީގެ އަސްކަރީ ވެރިޔާ ގާޑީ އައިޒެންކޮޓަށް ހަވާލުކޮށް، މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްފަރާތް ކޮށްފިއެވެ.

ރައީސް ހަރޒޮގް މި ނިންމުން އައިޒެންކޮޓަށް ހޮނިހިރު ދުވަހުގެ ރޭ އަންގާފައިވާއިރު، ރަސްމީކޮށް ސަރުކާރު އެކުލަވައިލުމުގެ މެންޑޭޓް އޭނާއާ ހަވާލުކުރާނީ އާދީއްތަ ދުވަހު ބާއްވާ ރަސްމިއްޔާތެއްގައެވެ. މި ނިންމުން ނިންމީ އޮކްޓޫބަރު 27 ގައި ބޭއްވި އާންމު އިންތިޚާބުގައި އެއްވެސް ފަރާތަކަށް އަޣުލަބިއްޔަތު ނުލިބުމާ ގުޅިގެން، ސިޔާސީ ޕާޓީތަކާ އެކު މި ހަފުތާގައި ބޭއްވި މަޝްވަރާތަކަށް ފަހުގައެވެ.

ޔަޝާރު ޕާޓީގެ ލީޑަރު އައިޒެންކޮޓަށް ޕާލަމެންޓުގެ 67 މެންބަރަކު ތާއީދުކުރިއިރު، އޭގެ ތެރޭގައި އަރަބި ޕާޓީތައް ވެސް ހިމެނެއެވެ. ނަތަންޔާހޫއަށް ތާއީދުކުރީ އެންމެ 46 މެންބަރުންނެވެ. އައިޒެންކޮޓަށް ސަރުކާރެއް އެކުލަވައިލުމަށް 28 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އަދި އިތުރު 14 ދުވަހަށް އެ މުއްދަތު ދަންމައިލެވިދާނެއެވެ. ސަރުކާރެއް އެކުލަވައިލުމަށް 120 ގޮނޑީގެ ނެސެޓް (ޕާލަމެންޓް) ގެ މަދުވެގެން 61 ގޮނޑީގެ އަޣުލަބިއްޔަތު ބޭނުންވެއެވެ.

އިންތިޚާބުގައި އައިޒެންކޮޓްގެ އިއްތިހާދަށް 48 ގޮނޑި ލިބުނުއިރު، ނަތަންޔާހޫގެ ކަނާތުފިޔައިގެ އަދި ދީނީ ބްލޮކަށް ލިބުނީ 53 ގޮނޑިއެވެ. އަދި އަރަބި ޕާޓީތަކުން ވަނީ ރެކޯޑު އަދަދަކަށް 19 ގޮނޑި ކާމިޔާބުކޮށްފައެވެ. އަރަބި ޕާޓީތަކާ އެކު ކޯލިޝަނެއް ހެދުމަށް އައިޒެންކޮޓް ދެކޮޅު ހައްދާފައިވާ ނަމަވެސް، ޔަހޫދީ ދީނީ ދެ ޕާޓީ ކަމަށްވާ ޔުނައިޓެޑް ޓޯރާ ޖުޑައިޒަމް އާއި ޝާސްގެ ތާއީދު ހޯދައިގެން 61 ގޮނޑި ހަމަކުރެވިދާނެއެވެ. މީގެ އިތުރުން މަދު ގޮނޑިތަކަކާ އެކު، ޕާލަމެންޓުގެ އިތުބާރުގެ ވޯޓު ކާމިޔާބުކޮށްގެން މައިނޯރިޓީ ސަރުކާރެއް އުފެއްދުމުގެ ފުރުސަތު ވެސް އޮތް ކަމަށް ބެލެވެއެވެ.

އައިޒެންކޮޓަށް ކަނޑައެޅިފައިވާ މުއްދަތުގައި ސަރުކާރު އެކުލަވައިނުލެވިއްޖެ ނަމަ، ރައީސް ހަރޒޮގް އެހެން ކެންޑިޑޭޓަކަށް އެ ފުރުސަތު ދޭނެއެވެ. އެ ކެންޑިޑޭޓް ވެސް ނާކާމިޔާބުވެއްޖެ ނަމަ، ޕާލަމެންޓުގެ އަޣުލަބިއްޔަތުން ތިންވަނަ ކެންޑިޑޭޓަކު ހޮވައި، އެ ފަރާތަށް 14 ދުވަސް ދެވޭނެއެވެ. އެއަށް ފަހު ވެސް ސަރުކާރެއް ނުއުފެއްދިއްޖެ ނަމަ، 90 ދުވަހުގެ ތެރޭގައި އަލުން އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ. އެ ހާލަތުގައި ވަގުތީ ބޮޑުވަޒީރެއްގެ ގޮތުގައި ދެމިހުންނާނީ ނަތަންޔާހޫއެވެ.

އައިޒެންކޮޓަކީ 2015 އިން 2019 އަށް އިސްރާއީލުގެ އަސްކަރިއްޔާގެ ވެރިޔާގެ މަގާމު ފުރި މީހެކެވެ. އަދި އޮކްޓޫބަރު 2023 ގައި ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ފުރަތަމަ އަށް މަސްދުވަހު ނަތަންޔާހޫގެ ހަނގުރާމައިގެ ކެބިނެޓުގައި އޮބްޒާވަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވެއެވެ.

އަރަބި ޕާޓީތަކުގެ ކޯލިޝަން، ޖޮއިންޓް ލިސްޓުގެ އިސް މެންބަރެއް ކަމަށްވާ އަހްމަދު ތީބީ ބުނީ، ރައީސް ހަރޒޮގްގެ ނިންމުމަކީ ކުރިން ވެސް އުންމީދު ކުރެވުނު ނިންމެވުމެއް ކަމަށެވެ. އަދި އައިޒެންކޮޓް އެކުލަވާލާނީ އަރަބި ޕާޓީތަކުގެ ބޭރުން ލިބޭ ތާއީދާ އެކު ހިންގާ މައިނޯރިޓީ ސަރުކާރެއް ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ބުނެފައިވެއެވެ. ތީބީ ފާހަގަކުރި ގޮތުގައި އަރަބި ޕާޓީތަކުގެ އެންމެ ބޮޑު އިސްކަމަކީ ނަތަންޔާހޫ އާއި ބެން-ގްވީރް އަދި ސްމޮޓްރިޗްގެ ވެރިކަން ނިމުމަކަށް ގެނައުމެވެ.

މި ނިންމުމުގެ ކުރިން ނަތަންޔާހޫ ވަނީ އަރަބި ޕާޓީތަކުގެ އެހީތެރިކަމާ އެކު ސަރުކާރެއް އުފައްދައިފި ނަމަ އިސްރާއީލު ރޫޅިގެންދާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. ނަތަންޔާހޫގެ އެ ވާހަކަތަކަށް ރައްދު ދެމުން ތީބީ ބުނީ އިސްރާއީލާއި މުޅި ސަރަހައްދުގައި ހުރި އެންމެ ބޮޑު ޓެރަރިސްޓަކީ އަދި ހުޅަނގު އައްސޭރީގައި ޔަހޫދީ ޓެރަރިޒަމަށް ހިތްވަރުދޭ އެންމެ އިސް މީހަކީ ޚުދު ނަތަންޔާހޫ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450