ދުނިޔެ
ޢަބްދުލް އަލް-ސައްޔިދު: އެމެރިކާގެ ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމު މެންބަރު
ޢަބްދުލް އަލް-ސައްޔިދާއި އޭނާގެ އަނބިކަނބަލުން--
އެމެރިކާގެ ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމު މެންބަރުގެ ގޮތުގައި ޑިމޮކްރެޓިކް ޕާޓީގެ ޢަބްދުލް އަލް-ސައްޔިދު ތާރީޚުގެ ތެރެއަށް ވަދެވަޑައިގެންފިއެވެ. މިޝިގަން ސްޓޭޓުގައި ކުރިއަށްދިޔަ ވާދަވެރި އިންތިޚާބު އަލް-ސައްޔިދު ކާމިޔާބު ކުރެއްވީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައެވެ.
މިސްރާއި އެމެރިކާއަށް ނިސްބަތްވާ ޑޮކްޓަރެއް އަދި ސިޔާސީ ލީޑަރެއް ކަމަށްވާ އަލް-ސައްޔިދު މި ތާރީޚީ ކާމިޔާބީ ހޯއްދެވިއިރު، އޭނާއަށް ވަނީ ކެމްޕޭނު ތެރޭގައި، މުސްލިމަކަށް ވީތީ "އިސްލާމޮފޯބިއާ"ގެ އެތައް ހަމަލާތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.
އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަލް-ސައްޔިދަކީ "ޖިހާދީއެއް" ކަމަށް ބުނެ ތަކުރާރުކޮށް ބަހުގެ ހަމަލާތައް އަމާޒުކުރައްވާފައެވެ. މިޝިގަންގައި ބޭއްވި އެއްވުމެއްގައި ޓްރަމްޕް ބުނެފައި ވަނީ، އަލް-ސައްޔިދު ވާނީ ސެނެޓަށް ވަނުމުގެ ހުއްދަ ލިބުމުގެ ކުރިން "މެޓަލް ޑިޓެކްޓަރަކުން ޗެކްކުރަން ޖެހޭނެ" ހަމައެކަނި ސެނެޓަރަށް ކަމަށެވެ.
މީގެއިތުރުން، އަލް-ސައްޔިދު ވަނީ އޭނާގެ އަމިއްލަ ޕާޓީގެ ތެރެއިން ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކުން ވެސް އަރައިގަންނަވާފައެވެ. ފާއިތުވި އޯގަސްޓް މަހު ބޭއްވި މިޝިގަންގެ ޑިމޮކްރެޓިކް ސެނެޓް ޕްރައިމަރީގައި އަލް-ސައްޔިދާ ވާދަކޮށް ބަލިވި ހެއިލީ ސްޓީވަންސް ވަނީ، ޕާޓީގެ އާންމު އުސޫލުތަކާ ޚިލާފަށް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރައްވާފައެވެ.
އިންތިޚާބުގެ ކާމިޔާބީ އިޢުލާނު ކުރެއްވުމަށްފަހު ސަޕޯޓަރުންނާ މުޚާޠަބުކުރައްވައި އަލް-ސައްޔިދު ވިދާޅުވީ، އެމެރިކާގެ އެނެމް ހާއްސަ އެއް ކަމަކީ ހުރި އުނިކަންތައްތަކަށް ލޯމަރާނުލައި އެކަންކަން އިސްލާހުކުރުމަށް ދައްކާ ހިތްވަރު ކަމަށެވެ.
އަދި އެމެރިކާއިން ޤައުމުން ބޭރުގައި ކުރާ ހަނގުރާމަތަކަށް ފާޑުވިދާޅުވަމުން އޭނާ އިތުރަށް ފާހަގަކުރެއްވީ، ރައްޔިތުން ދައްކާ ޓެކްސް ފައިސާ ޚަރަދުކުރެވެނީ އެހެން މީހުންނާއި އެމީހުންގެ ކުދިންގެ ބޮލަށް ބޮން އެޅުމުގެ ބަދަލުގައި، އަމިއްލަ ރައްޔިތުންނާއި ދަރިންގެ ލާބައަށްކަން ކަށަވަރުވާންޖެހޭ ކަމަށެވެ.