ދުނިޔެ

އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ދިފާޢީ ޙަމަލާތަކެއްދީފި

އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ދިފާޢީ ޙަމަލާތަކެއްދީފި

ހޮރްމޫޒް ކަނޑުއޮޅި--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

03 ނޮވެމްބަރު 2026، 09:30

03 ނޮވެމްބަރު 2026، 09:30

ހޮރްމޫޒް ކަނޑުއޮޅީގައި ހުރި އީރާނުގެ އަސްކަރީ އަމާޒުތަކަކަށް އެމެރިކާގެ އަސްކަރިއްޔާއިން "ދިފާޢީ" ޙަމަލާތަކެއް ދީފިއެވެ. މި ޙަމަލާތައް ދީފައިވަނީ މި ކަނޑުއޮޅީގެ ދޮރޯށީގައި އޮންނަ އީރާނުގެ ޤެޝްމް އައިލެންޑްގައި ބާރުގަދަ ގޮވުންތަކެއް ގޮވިކަމުގެ ރިޕޯޓްތައް ލިބިފައިވާ ދަނޑިވަޅެއްގައެވެ.

ހޯމަ ދުވަހު ނަން ހާމަނުކުރުމަށް ޝަރުތުކޮށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް މަޢުލޫމާތުދިން އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ، މި ޙަމަލާތައް އަމާޒުކޮށްފައި ވަނީ އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް އަމާޒުކޮށް ފޮނުވާ މިސައިލް ބޭނުންކުރަމުންދިޔަ އީރާނުގެ ސިފައިންނަށް ކަމަށެވެ. 

ޤެޝްމް އައިލެންޑުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް އީރާނުގެ ދައުލަތުގެ ޓީވީންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. 

މި ޙަމަލާތައް އަމާޒުކޮށްފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އަދި ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް މަސައްކަތްކުރަމުންދާ، އެމެރިކާގެ މުހިންމު މިޑްޓާމް އިންތިޚާބުގެ ދަނޑިވަޅުގައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އަލުން ހަނގުރާމައެއް ފެށުނަ ނުދިނުމަށް ޑިޕްލޮމެޓިކް މަސައްކަތްތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ހޯމަ ދުވަހު ޓްރަމްޕްގެ ޓްރުތް ސޯޝަލް ޕްލެޓްފޯމުގައި ބުނެފައި ވަނީ، އީރާނާއެކު ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވިދާނެ ކަމަށެވެ.

"އީރާނާއެކު ހަނގުރާމައެއް ނުހިނގާނެ ކަމަށް މީހުންނަށް ޤަބޫލުކުރެވޭތީ، ތެލުގެ އަގުތައް މިދަނީ ރެކޯޑު މިންވަރަކަށް، ގާތްގަނޑަކަށް ފީފާއަކުން 10 ޑޮލަރު ދަށަށް ވެއްޓެމުން،" ޓްރަމްޕް ބުނެފައިވެއެވެ. 

އަދި އީރާނުން ބޭނުންވަނީ ވީ އެންމެ އަވަހަކަށް ޙައްލެއް ހޯދުމަށް ކަމަށާއި އެކަން ވެދާނެ ކަމަށްވެސް އޭނާ ބުންޏެވެ. މީގެ އިތުރުން، އަންގާރަ ދުވަހުގެ އިންތިޚާބަށްފަހު އީރާނަށް ޙަމަލާދިނުމާމެދު ވިސްނަވަމުން ގެންދަވާތޯ ނޫސްވެރިން ސުވާލުކުރުމުން ޓްރަމްޕް ވަނީ އެކަން ދޮގުކޮށްފައެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވީ، ޞުލްޙައަށް ޓަކައި ތެހެރާނުން އެދޭ ކަންކަން އެމެރިކާއަށް ވަރަށް ސާފުކޮށް އަންގާފައިވާނެ ކަމަށާއި، ދެން ގޮތެއް ނިންމުން އޮތީ އެމެރިކާގެ އަތްމަތީގައި ކަމަށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އީރާނުން ހުށަހެޅި ޕްލޭނަށް އެމެރިކާއިން އެއްބަސްވެއްޖެނަމަ ދެ ދުވަސް ތެރޭގައި އެކަން ތަންފީޒު ކުރެވިދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އީރާނުގެ ޝަރުތުތަކުގެ ތެރޭގައި އެ ޤައުމުގެ ބަނދަރުތަކަށް އަޅާފައިވާ ބްލޮކޭޑް އުވާލުމާއި ހަނގުރާމަވެރި ޢަމަލުތައް ހުއްޓާލުން ހިމެނެއެވެ.


Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450