ދުނިޔެ

އިސްރާއީލުގެ އިންތިޚާބު: އެނގެންޖެހޭ މުހިންމު ފަސް ކަމެއް

އިސްރާއީލުގެ އިންތިޚާބު: އެނގެންޖެހޭ މުހިންމު ފަސް ކަމެއް

އިސްރާއިލްގެ އިންތިޚާބާ ގުޅިގެން ދަމާފައިވާ ޕޯސްޓަރުތަކެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޮކްޓޯބަރު 2026، 02:18

26 އޮކްޓޯބަރު 2026، 02:18

އޮކްޓޫބަރު 7، 2023 ގައި ޙަމާސްއިން އިސްރާއީލަށް ދިން ޙަމަލާއާއި ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލުހޭދުކުރުމުގެ ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުގައި ބާއްވާ ފުރަތަމަ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އެ ޤައުމުގެ ތާރީޚުގައި ބޭއްވޭ އެންމެ މުހިންމު އެއް އިންތިޚާބުގެ ގޮތުގައި ބެލެވޭ މި ވޯޓަކީ ބައިނަލްއަޤްވާމީ ފާޑުކިޔުންތަކާއި އެތެރޭގެ ބައިބައިވުންތަކުގެ ތެރޭގައި ސަރުކާރު ކުރިއަށްދާނެ މިސްރާބު ކަނޑައެޅިގެންދާނެ އިންތިޚާބެކެވެ.

މައިގަނޑު ޕާޓީތަކާއި ޚިޔާލު ހޯދުމުގެ ވޯޓުތައް
120 ގޮނޑި ހިމެނޭ ކްނެސެޓްގެ އިންތިޚާބުގައި ޕާލިމަންޓަށް ވަނުމަށް 3.25 އިންސައްތައިގެ ތްރެޝްހޯލްޑެއް ކަނޑައްތުކުރަން ޖެހޭއިރު، ވެރިކަން ހޯދުމަށް ދެ ފެކްޝަނެއް ދަނީ ވާދަކުރަމުންނެވެ. އެއީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކުޑް ޕާޓީ އިސްވެ އޮވެ ހައްދުފަހަނައެޅި ކަނާތުފިޔައިގެ ޕާޓީތައް ހިމެނޭ ކޯލިޝަނާއި، ކުރީގެ އަސްކަރީ ވެރިންނާއި ކުރީގެ ސިޔާސީ އިސް ޝަޚުޞިއްޔަތުތައް ހިމެނޭ އިދިކޮޅު އިއްތިހާދެވެ. ޢާންމުކުރި އެންމެ ފަހުގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އެއްވެސް ފަރާތަކަށް އަޣުލަބިއްޔަތު ކަމަށްވާ 61 ގޮނޑި ކަށަވަރުވާކަށް ނެތެވެ. އިދިކޮޅު ކޯލިޝަނަށް 52 ގޮނޑި އަދި ނަތަންޔާހޫގެ ބްލޮކަށް 50 ގޮނޑި ލިބޭނެ ކަމަށް ލަފާކުރެވޭއިރު، ބާކީ ގޮނޑިތައް ލިބޭނެ ކަމަށް ބެލެވެނީ އެއްވެސް ފަރާތަކާ ގުޅިފައިނުވާ ޢަރަބި ޕާޓީތަކަށެވެ.

އިންތިޚާބުގެ މައިގަނޑު މައްސަލަތައް
އިސްރާއީލުގެ ރައްޔިތުން ކުރިމަތިލަމުންދަނީ އެތެރޭގެ އަދި ބައިނަލްއަޤްވާމީ ބޮޑެތި މައްސަލަތަކާއެވެ. އޭގެ ތެރޭގައި އޮކްޓޫބަރު 2023 ގެ ޙަމަލާތަކާ ގުޅިގެން ސަލާމަތީ ގޮތުން ވީ ފޭލިވުންތަކުގެ ޒިންމާ އުފުލުމަށް ގޮވާލުމާއި، އަލްޓްރާ-އޯތޮޑޮކްސް މުޖުތަމަޢުގެ މީހުން އަސްކަރިއްޔާގައި ޚިދުމަތްކުރުމުން އިސްތިސްނާވާ މައްސަލައާއި، އަދި ޝަރުޢީ ނިޒާމަށް ނަތަންޔާހޫ ގެންނަން އުޅުނު ބަދަލުތައް ހިމެނެއެވެ. މީގެ އިތުރުން ޣައްޒާއާއި، ހިފާފައިވާ ހުޅަނގު އައްސޭރި އަދި ލުބުނާނުގައި ހިނގަމުންދާ ހަނގުރާމަތައް ކުރިއަށްގެންދާނެ ގޮތަކާމެދުވެސް ޢާންމުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އެބަހުއްޓެވެ.

މިއީ އޮކްޓޫބަރު 2023 ގެ ފަހުން ބޭއްވޭ ފުރަތަމަ އިންތިޚާބަށް ވާއިރު، އިސްރާއީލުގެ ސިޔާސީ މަސްރަޙުގައި ހައްދުފަހަނައެޅި ފިކުރުތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި އިސްރާއީލުގެ މަޤާމު ދަށަށް ގޮސް، ޤައުމުތަކުން ފިޔަވަޅު އަޅަމުންދާ ދަނޑިވަޅެއްގައި ބޭއްވޭ މި އިންތިޚާބުގެ ނަތީޖާއިން ބައިނަލްއަޤްވާމީ މުޖުތަމަޢާ އެކު ކުރިއަށްދާނެ ސިޔާސަތު ކަނޑައެޅިގެންދާނެއެވެ.

ނަތަންޔާހޫގެ ސިޔާސީ މުސްތަޤްބަލް
އިސްރާއީލުގެ ބޮޑުވަޒީރުކަން އެންމެ ގިނަ ދުވަހު ކުރެއްވި ނަތަންޔާހޫއަށް ސަލާމަތީ ފޭލިވުންތަކުގެ އިތުރުން 2019 އިން ފެށިގެން ހިނގަމުންދާ ކޮރަޕްޝަންގެ ޝަރީޢަތްތަކާ ވެސް ކުރިމަތިލާން ޖެހިފައިވެއެވެ. މި އިންތިޚާބުން ބަލިވެއްޖެނަމަ އޭނާއަށް ޖަލު ޙުކުމެއް އައުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ. އަދި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން (އައިސީސީ) ހަނގުރާމައިގެ ކުށްތަކުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާ ދަނޑިވަޅެއްގައި، ސަރުކާރު ބަދަލުވުމަކީ އޭނާގެ ސިޔާސީ ޙިމާޔަތް ގެއްލިގެންދާނެ ކަމެކެވެ.

ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 7.3 މިލިއަން މީހުންގެ ތެރޭގައި އިސްރާއީލުގެ ރައްޔިތުކަން އޮންނަ 1.2 މިލިއަން ފަލަސްޠީނު މީހުން ހިމެނެއެވެ. ނަމަވެސް ޣައްޒާއާއި، ހުޅަނގު އައްސޭރި އަދި އިރުމަތީ ޤުދްސުގައި ދިރިއުޅޭ ތިން މިލިއަނެއްހާ ފަލަސްޠީނު މީހުންނަށް މި ސަރުކާރު ކަނޑައެޅުމުގައި އެއްވެސް ބަހެއް ބުނުމުގެ ޙައްޤެއް ނޯވެއެވެ. އިސްރާއީލުގައި ތިބި ފަލަސްޠީނު ރައްޔިތުން ވޯޓުލާން ނުކުންނަ ނިސްބަތް 65 އިންސައްތައަށް އަރައިފިނަމަ ޢަރަބި ޕާޓީތަކަށް 15 ގޮނޑި ލިބުމުގެ ފުރުޞަތު އޮތްއިރު، މައި ދެ ކޯލިޝަނުންވެސް އެ ޕާޓީތަކާ ގުޅުމަށް ދެކޮޅު ހަދަމުންދާތީ ސަރުކާރެއް އެކުލަވައިލުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450