ދުނިޔެ
ސައުދީ އިއްތިހާދުން ޑްރޯންތަކެއް ވައްޓާލައިފި؛ އެހީތެރިވުމަށް މިސްރުން ތައްޔާރުވަނީ
ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް-މާލިކީ. ފޮޓޯ: އޭޕީ
ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ފޮނުވާލި ހަތަރު ޑްރޯނެއް ވައިގެ ތެރެއިން ހުއްޓުވައި ގޮއްވާލާފައިވާ ކަމަށް ސައުދީ އިސްވެ އޮންނަ އަސްކަރީ އިއްތިހާދުން ހާމަކޮށްފިއެވެ.
މިއީ ސައުދީގެ ވައިގެ ބަނދަރުތަކަށާއި ތެލުގެ ވަސީލަތްތަކަށް ހޫޘީން ދެމުންގެންދާ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުން ދިން ހަމަލާތަކެވެ.
އިއްތިހާދުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް-މާލިކީ ހޮނިހިރު ދުވަހު ވިދާޅުވީ، ވޭތުވެދިޔަ ގަޑިއިރުތަކުގައި ވެރިރަށް ރިޔާޟާއި، އިރުމަތީ ޕްރޮވިންސް އަދި ދެކުނުގެ ސަރަހައްދުތަކުން ހަތަރު ޑްރޯނެއް ހުއްޓުވައި ނައްތާލާފައިވާ ކަމަށެވެ. މީގެ އިތުރުން ކްރޫޒް މިސައިލާއި ޑްރޯންތައް ހުއްޓުވައި، ހޫޘީންގެ ބެލިސްޓިކް މިސައިލް ލޯންޗަރުތަކަށް ވައިގެ މަގުން ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އޭނާ ވަނީ އާންމުކުރައްވާފައެވެ.
ޔަމަނުގެ ސަރުކާރާއި ހޫޘީ ހަނގުރާމަވެރިންނާ ދެމެދު މިދިޔަ ޖުލައި މަހު ހަނގުރާމަ ވަރުގަދަވި ފަހުން، ރިޔާޟުގެ ކިންގް ޚާލިދު އެއާޕޯޓަށް އެކަނިވެސް މަދުވެގެން 20 ހަމަލާއެއް ވަނީ އަމާޒުވެފައެވެ. އޭގެ ތެރޭގައި މިދިޔަ ހަފުތާގައި 13 މީހުން މަރުވި ހަމަލާ ވެސް ހިމެނެއެވެ. އަދި ބުރާސްފަތި ދުވަހު އަދަންގައި ހުންނަ ރިޔާސީ ގަނޑުވަރު ކައިރިއަށް ދިން މިސައިލް ހަމަލާތަކެއްގައި ފަސް މީހުން މަރުވެފައިވާއިރު، ހުކުރު ދުވަހު އަދަންގެ އެއާޕޯޓަށް ހޫޘީން ދެ މިސައިލް ފޮނުވާލާފައިވާ ކަމަށް ޔަމަން ސަރުކާރުން ބުނެއެވެ. ސައުދީ އަރަބިއްޔާއިން ދަނީ "ޑޯން އޮފް ޔަމަން" ގެ ނަމުގައި ޔަމަން ސަރުކާރުން ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، ސަންޢާގެ ތެޔޮ ރައްކާކުރާ ތަންތަނަށް ވައިގެ ހަމަލާތައް ދެމުންނެވެ.
ސައުދީގެ ދިފާއުގައި މިސްރުން އެހީވާން ތައްޔާރު
މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސީސީ ހޮނިހިރު ދުވަހު ވިދާޅުވީ، ސައުދީ އަރަބިއްޔާއިން އެދިއްޖެ ހާލަތެއްގައި އެ ގައުމު ހިމާޔަތްކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް މިސްރު ތައްޔާރަށް އޮތް ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިސްރުން ސަރަހައްދީ ހަނގުރާމައެއްގެ ތެރެއަށް ވަންނަން ބޭނުންނުވި ނަމަވެސް، ސައުދީ އަރަބިއްޔާއަށް ގެއްލުމެއް ލިބޭއިރު ބަލަން ހުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އަދި މިއީ އެއްވެސް ބަޔަކާ ހަނގުރާމަކުރުން ނުވަތަ ހަމަލާދިނުން ނޫން ކަމަށާއި، ވާހަކަ ދައްކަވަނީ ހަމައެކަނި ދިފާއުވުމާ ގުޅޭގޮތުން ކަމަށް ވިދާޅުވިއެވެ. ރައީސް ސީސީގެ އެދިވަޑައިގަތުމަކަށް މިސްރުގެ ގާނޫނުހަދާ މަޖިލީހުން އާދީއްތަ ދުވަހު ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހޫޘީންގެ މި އަމަލުތަކުގެ ފަހަތުގައި އީރާނުގެ ހިތްވަރު އޮތް ކަމަށް ސައުދީން ތުހުމަތުކުރަމުންދާއިރު، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވިދާޅުވީ މައްސަލަ ހައްލުކުރުމަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ގޮތަކީ ފުރިހަމަ ސިޔާސީ މަޝްވަރާތައް ކަމަށެވެ.
ހަމަލާތަކާ ގުޅިގެން ސައުދީގައި ހުންނަ ބައެއް ގައުމުތަކުގެ އެމްބަސީތަކުން ވަނީ އެ ގައުމުތަކުގެ ރައްޔިތުން އެއާޕޯޓުތައް ބޭނުންނުކުރުމަށާއި ދަތުރުފަތުރު ކުރުން މަދުކުރުމަށް އަންގާފައެވެ. މީގެ އިތުރުން ސައުދީގެ ތައުލީމާ ބެހޭ ވުޒާރާއިން ވަނީ ރިޔާޟާއި ކައިރީގައިވާ ދިރްއިއްޔާގެ ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދިނުމުގެ މުއްދަތު އިތުރުކޮށްފައެވެ.