ވިޔަފާރި / ޚަބަރު
ބިސް ވިއްކަނީ ކޮންޓްރޯލްކޮށްގެން ނޫން، އެސްޓީއޯގައި ބިސް އެބަހުރި: އެސްޓީއޯ
ކުކުޅު ބިސް
މާލެ ސަރަހައްދުގެ ބައެއް ފިހާރަތަކުން ކުކުޅުބިސް ވިއްކުން ކޮންޓްރޯލްކޮށްފައި ވީނަމަވެސް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުކުޅުބިސް ވިއްކަނީ އެއްވެސް ވަރަކަށް ކޮންޓްރޯލްކޮށްގެން ނޫން ކަމަށާއި ބޭނުންވާ ވަރަށް އެސްޓީއޯގައި ބިސް ލިބެން އެބަހުރި ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މާލެ ސަރަހައްދުގެ ބައެއް ފިހާރަތަކަށް ކުކުޅުބިސް ނުލިބޭ ކަމަށް ބުނެ، ބައެއް ފިހާރަތަކުން އަންނަނީ މީހަކަށް ބިސް ޓްރޭއެއްގެ މަގުން ވިއްކަމުންނެވެ. އަދި ބައެއް ފިހާރަތަކުން މީހަކަށް 10 ނުވަތަ 20 ބިހަށް ވުރެ ގިނައިން ނުވިއްކާ ކަމުގެ ޝަކުވާ އާންމުން ދަނީ ކުރަމުންނެވެ. މިކަމާ ގުޅިގެން އެސްޓީއޯ މީޑިއާއިން ހާމަކުރި ގޮތުގައި، ކާބޯތަކެތީގެ ދަތިކަމެއް ނެތި ފޯރުކޮށްދިނުމުގެ ގޮތުން އެ ކުންފުނީގައި އެކަށީގެންވާ މިންވަރަށް ބިސް ސްޓޮކް އެބަހުއްޓެވެ. އަދި އެސްޓީއޯއިން ބިސް ވިއްކަމުން ދަނީ އެއްވެސް ކޮންޓްރޯލެއް ނެތި އާންމު އުސޫލުން ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމު ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އަލަށް އިތުރުކުރި 23 ބާވަތް، ބާޒާރަށް ނެރެ 15 އޮކްޓޯބަރު 2025 ގައި ވަނީ ވިއްކަން ފަށައިފައެވެ.
މީގެ އިތުރުން، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން (ފުޑް ސެކިއުރިޓީ) ކަށަވަރުކުރުމަށްޓަކައި އެސްޓީއޯއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕޮލްޓްރީ ފާމިން (ކުކުޅު އާލާކުރުން) ގެ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.
އެސްޓީއޯ ހެޑް އޮފީހުގައި 11 ސެޕްޓެމްބަރު 2025 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕޮލްޓްރީ ފާމިން ކުރިއަށްގެންދިއުމުގެ މަސައްކަތް ރޭވިފައިވާ ކަމަށެވެ. އަދި އެ ވިސްނުންފުޅުގެ ދަށުން، ރައްޔިތުންނަށް ބޭނުންވާ ވަރަށް ރާއްޖެއިން ކުކުޅާއި ކުކުޅުބިސް ފޯރުކޮށްދިނުމަށް އެސްޓީއޯއިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ދުރުރާސްތާގައި ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީންކުރުމަށްޓަކައި ރާއްޖެއިން ބޭރުން ވެސް ދަނޑުވެރިކަމަށް ރަނގަޅު، މުޑުވަށް ބިމެއް ކުއްޔަށް ނުވަތަ ގަނެގެން އެސްޓީއޯ މެދުވެރިކޮށް މަސައްކަތްތަކެއް ކުރުމަކީ ސަރުކާރުގެ އަމާޒުތައް ހާސިލުކުރުމަށް ކުރިއަށް އޮތް ތަނުގައި ކުރަން ގަސްތުކުރާ ކަމެއް ކަމަށެވެ.