Ads by Farudhun

ޚަބަރު

ޕީއެންސީގެ މެންބަރުންގެ އަދަދު 70،000އަށް އަރައިފި

ޕީއެންސީގެ މެންބަރުންގެ އަދަދު 70،000އަށް އަރައިފި

ޕީއެންސީގެ އެއްވުމެއްގެ ތެރެއިން. ފޮޓޯ: ޕީއެންސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޯގަސްޓު 2026، 01:06

26 އޯގަސްޓު 2026، 01:06

ރާއްޖޭގައި މިވަގުތު އޮތް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ ކަމަށްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެމްބަރުންގެ އަދަދު 70،000 އަށް އަރައިފިއެވެ.

މިކަން ހާމަކުރައްވައި ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް މުހައްމަދު ހުސައިން ޝަރީފް އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ދިވެހި ރައްޔިތުންގެ ކޮންގްރެސް ޕާޓީއަށް ކުރާ އިތުބާރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އާދިއްތަ ދުވަހާ ހަމައަށް ޕާޓީގައި ތިބި މެމްބަރުންގެ އަދަދު 70،000 ފަހަނައަޅައި ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފަސްދޮޅަށް ހަތް ހާހެއްނޫން މިހާރު ޕާޓީގައި ތިބީ، އާދިއްތަ ދުވަހު ކޮންގްރެސް ޕާޓީއަށް 70،000 ހަމަވެއްޖެ، އަދި އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓަށް ނާރަނީ، ހުރިހާ މެމްބަރުންނަށް މަރުހަބާ ދަންނަވަން، މި ޕާޓީގައި 70،000 މެމްބަރުން ހަމަވެއްޖެ،" މުހައްމަދު ހުސައިން ޝަރީފް ވިދާޅުވިއެވެ.

މުހައްމަދު ހުސައިން ޝަރީފް އިތުރަށް ވިދާޅުވީ، އަންނަ މަހުގެ މެދުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓީގެ ކޮންގްރެސްގައި 1،300 އެއްހާ މެމްބަރުން ބައިވެރިވާނެ ކަމަށެވެ. މިއީ ރާއްޖޭގައި މީގެކުރިން ބޭއްވި އެއްވެސް ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްގައި ބައިވެރިނުވާހާ ގިނަ އަދަދެއްކަން ފާހަގަކުރައްވަމުން، މި ކޮންގްރެސް ހަތަރު ދުވަހުގެ މުއްދަތަށް ދެމިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕީއެންސީގެ މެމްބަރުންގެ އަދަދު އިތުރުކުރުމަށްޓަކައި އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މާލެއާއި އަތޮޅުތެރޭގައި މެމްބަރުން އިތުރުކުރުމުގެ ފުޅާ ހަރަކާތްތަކެއް މީގެކުރިން ކުރިއަށް ގެންދަވާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ދަފްތަރުގައިވާ ގޮތުން މިހާރު އެންމެ މެމްބަރުން ގިނަ ޕާޓީއަކީ 67،579 މެމްބަރުންނާއެކު ކޮންގްރެސް ޕާޓީއެވެ. ދެވަނައިގައި އޮތް އެމްޑީޕީގައި 55،399 މެމްބަރުން ތިބިއިރު، ޖުމްހޫރީ ޕާޓީގައި ތިބީ 10،401 މެމްބަރުންނެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި މިވަގުތު 7 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450