ދުނިޔެ
އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން ދުނިޔޭގެ 145 ގައުމެއްގައި ޕެޓްރޯލްގެ އަގު އިންތިހާއަށް އުފުލިއްޖެ
ތެޔޮ ވިއްކާ ތަނެއްގައި ކާރަކަށް ތެޔޮ އަޅަނީ
އެމެރިކާ އަދި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިތާ ހަ މަސް ދުވަސް ވެފައިވާއިރު، ދުނިޔޭގެ މަދުވެގެން 145 ގައުމެއްގައި ޕެޓްރޯލްގެ އަގު ވަރަށް ބޮޑަށް އުފުލި، އާންމު ކޮންސިއުމަރުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ދުނިޔޭގެ 170 ގައުމަކާއި ސަރަހައްދެއްގެ ތެލުގެ އަގުތައް ބަލަހައްޓާ ގްލޯބަލް ޕެޓްރޯލް ޕްރައިސަސްގެ ހިސާބުތަކުންނެވެ.
އެންމެ ބޮޑަށް އަގު އުފުލުނު ގައުމުތައް
ހިސާބުތައް ދައްކާގޮތުން ތެލުގެ އަގު އެންމެ ބޮޑަށް އުފުލިފައިވަނީ މިޔަންމާގައެވެ. އެގައުމުގައި 95 އޮކްޓޭންގެ ޕެޓްރޯލް ލީޓަރެއްގެ އަގު ފެބްރުއަރީ 23 ގައި 0.77 ޑޮލަރުގައި ހުރި ނަމަވެސް، އޮގަސްޓް 17 އާ ހަމައަށް އައިއިރު އެ އަގު ވަނީ 56 އިންސައްތަ މައްޗަށް ގޮސް 1.20 ޑޮލަރަށް އަރާފައެވެ. ދެވަނައަށް އެންމެ ބޮޑު އިންސައްތައެއް އިތުރުވީ ބޫޓާންގައެވެ. އެއީ 55 އިންސައްތައެވެ. މީގެ އިތުރުން ކިއުބާގައި 51 އިންސައްތަ، ޔޫއޭއީގައި 50 އިންސައްތަ އަދި ނައިޖީރިއާގައި 48 އިންސައްތަ އަގު ވަނީ އުފުލިފައެވެ. ނަމަވެސް، ސަރުކާރުން ބޮޑެތި ސަބްސިޑީ ދޭ އަދި ތެޔޮ އުފައްދާ 25 ގައުމެއްގައި އަގުތައް ބަދަލުނުވެ ނުވަތަ ކުޑަ މިންވަރަކަށް ވަނީ ދަށަށް ގޮސްފައެވެ.
އެމެރިކާގެ އޮޓޯމޮބައިލް އެސޯސިއޭޝަން (އޭއޭއޭ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން، ހަނގުރާމައިގެ ކުރިން އެމެރިކާގައި ރެގިއުލާ ޕެޓްރޯލް ގެލަނެއްގެ އެވްރެޖް އަގަކީ 2.94 ޑޮލަރެވެ. ނަމަވެސް މިހާރު އެ އަގު ވަނީ 39 އިންސައްތަ އުފުލި، 4.09 ޑޮލަރަށް އަރާފައެވެ. މީގެ ސަބަބުން ދަތުރުފަތުރުގެ ހަރަދު ބޮޑުވެ، ހަނގުރާމައިގެ ކުރިން 50 ޑޮލަރުގެ ތެލުން އާއިލީ ކާރެއްގައި 718 ކިލޯމީޓަރަށް ދަތުރުކުރެވުނު ނަމަވެސް، މިހާރު ދަތުރުކުރެވެނީ 536 ކިލޯމީޓަރަށެވެ. މިއީ ދަތުރުކުރެވޭ ރާސްތާއިން 25 އިންސައްތައިގެ (183 ކިލޯމީޓަރުގެ) ދަށްވުމެކެވެ.
ތެލުގެ އަގު އުފުލުމަކީ ކާބޯތަކެތީގެ އަގުތައް ވެސް ސީދާ ގޮތެއްގައި އުފުލޭ ކަމެކެވެ. ދަނޑުވެރިކަމަށް ބޭނުންކުރާ ގަސްކާނާއިން ފެށިގެން ސުޕަމާކެޓުތަކަށް މުދާ އުފުލާ ލޮރީތަކާ ހަމައަށް ހުރިހާ މަރުހަލާއެއްގައި ހަކަތައިގެ އަގު ވަނީ ހިމެނިފައެވެ. އިގްތިސާދީ މާހިރު ޑޭވިޑް މެކްވިލިއަމްސް އަލްޖަޒީރާއަށް ވިދާޅުވީ، "ދުނިޔޭގެ އިގްތިސާދުގެ މައިނާރަކީ ދަތުރުފަތުރު" ކަމަށާއި، ދަތުރުފަތުރަކީ އިގްތިސާދުގެ ހަކަތަ ކަމަށެވެ. ހާއްސަކޮށް އާމްދަނީ ދަށް ގައުމުތަކުގައި ކާބޯތަކެއްޗަށް ބޮޑު ހޭދައެއް ކުރަންޖެހުމުން، ކާބޯތަކެތީގެ ދަތިކަން ވަރަށް އަވަހަށް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.
ތެލާއި ގޭހަކީ ހަމައެކަނި ދަތުރުފަތުރަށް ބޭނުންކުރާ ވަސީލަތްތަކެއް ނޫނެވެ. ޕްލާސްޓިކް ފުޅިއާއި، ކާބޯތަކެތި ބަންދުކުރާ ތަކެއްޗާއި، ސިއްހީ އިންޖެކްޝަންތަކާއި، ފޮތި އަދި މޭކަޕް ސާމާނުގެ އިތުރުން ސާފުކުރާ ލިކުއިޑާއި ކުލަ ފަދަ އާންމު ދިރިއުޅުމުގައި ބޭނުންކުރާ އެތައް ހާސް އުފެއްދުމަކީ ތެލުގެ ބާވަތްތަކުން އުފައްދާ ތަކެއްޗެވެ. އަދި ދަނޑުވެރިކަމުގެ ބޭނުމަށް ގުދުރަތީ ގޭހުން އުފައްދާ ގަސްކާނާއަކީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށް ކޮންމެހެން މުހިންމު އެއްޗެކެވެ.