ޚަބަރު
އެކްސިޑެންޓަށްފަހު ފިލި ދޯނި ހޯދައި، ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފި
އެކްސިޑެންޓްވި ލޯންޗު
މިދިޔަ މަހުގެ 9 ވަނަ ދުވަހުގެ ރޭ މާލޭގެ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި ފުލުހުން ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގުމާ ގުޅިގެން ފިލި އުޅަނދު ދެނެގަނެ އެ އުޅަނދު ހޯދުމަށް ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގީ މަސައްކަތުގެ ތެރެއިން، އެ ދޯނި ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 17:52 އެހާކަންހާއިރު ހުޅުމާލެ ފަޅުގައި އަޅާފައި އޮއްވާ ކަމަށެވެ.
ހުޅުމާލެ ފަޅުން އެ އުޅަނދު ފެނުމާއެކު ފުލުހުން ވަނީ އެ ދޯނި ބަލައި ފާސްކޮށް، މައްސަލައިގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކޮށްފައެވެ. އަދި މި ހާދިސާއާ ގުޅިގެން ކަށަވަރު ކުރަންޖެހޭ ކަންކަން ކަށަވަރު ކުރުމަށްފަހު، އެ ދޯނީގެ ކެޕްޓަނާ ސުވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.
މީގެއިތުރުން، މި ތަހުގީގީ މަރުހަލާގެ ތެރެއިން އެ ދޯނީގެ ކެޕްޓަންގެ ލައިސަންސް މިހާރު ވަނީ ހިފަހައްޓާފައެވެ.
މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބެލުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.