ޚަބަރު
4 ރަށެއްގައި އަލަށް އާބާދުވި ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފި
ފެނަކައިގެ ޚިދުމަތް ފުޅާކުރުމަށް ރަށަކަށް ގެންދިޔަ އިންޖީނެއް ބާލަނީ.
ރާއްޖޭގެ ހަތަރު ރަށެއްގައި އަލަށް އާބާދުވި ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފިއެވެ. މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ އެކި ރަށްތަކުގައި އަލަށް އާބާދުވާ ސަރަހައްދުތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަނުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުންނެވެ.
އަލަށް އާބާދުވި ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފައިވާ ރަށްތަކަކީ ލ. ފޮނަދޫ، ހދ. ނޮޅިވަރަންފަރު، ތ. ބުރުނި އަދި ތ. ތިމަރަފުށި އެވެ.
މި ރަށްތަކުގެ ތެރެއިން ލ. ފޮނަދޫގެ އައު ސަރަހައްދަށް ކަރަންޓު ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ޖޫން މަހުގެ ނިޔަލަށް ނިންމާލާފައިވާއިރު، އެ ސަރަހައްދުގެ 80 ގޭބިސީއަކަށް ކަރަންޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ތ. ބުރުނީގެ އާ ސަރަހައްދުގައި ހިމެނޭ 48 ގޭބިސީއަކަށް ވެސް ވަނީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައެވެ.
ހދ. ނޮޅިވަރަންފަރާއި ތ. ތިމަރަފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ބޭނުންވާ ނެޓްވޯކް އެކްސްޓެންޝަންގެ މަސައްކަތްތައް ނިމިދިޔަ އަހަރުގެ ތެރޭގައި ވަނީ ނިންމާލާފައެވެ. މިގޮތުން ނޮޅިވަރަންފަރުގައި 825 މީޓަރުގެ ލޯ-ވޯލްޓޭޖް ކޭބަލް ވަޅުލައި، 12 ޑިސްޓްރިބިއުޝަން ފޮށި ވަނީ ހަރުކޮށްފައެވެ.
ފެނަކައިން ވިދާޅުވީ ރ. މާކުރަތާއި އެ އަތޮޅު ވާދޫގެ އާ ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބޮޑު ބައެއްވެސް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި ރަށްތަކުގެ ބާކީ ހުރި މަސައްކަތްތައް އަވަހަށް ނިންމައި، ދާއިމީކޮށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާ ކަމަށް އެ ކުންފުނިން ބަޔާންކުރެއެވެ.
އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ރަށްރަށުގައި އަލަށް އާބާދުވާ ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި، އަސާސީ ޚިދުމަތްތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުން ކަމަށް ފެނަކައިން ވަނީ ވިދާޅުވެފައެވެ.