Ads by Farudhun

ޚަބަރު

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޯގަސްޓު 2026، 03:27

23 އޯގަސްޓު 2026، 03:27

ޤާނޫނު ނަންބަރު 2022/24 (ކުނި މެނޭޖުކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ 17 އޮގަސްޓު 2026 ވީ ހޯމަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ.

މުއައްސަސާތަކުގެ މަސްއޫލިއްޔަތުތަކަށް ގެނެވުނު ބަދަލުތައް
މި އިސްލާޙުގައި، ކުނި މެނޭޖުކުރާ ނިޒާމުތަކާއި މަރުކަޒުތައް ޤާއިމުކުރުމާއި، މަރުކަޒުތަކުގައި ހުންނަންވީ މިންގަނޑުތަކާއި، ރައްކައުތެރިކަމާއެކު ކުނި ނައްތައިލުމާ ގުޅޭ އުސޫލުތަކާއި، ގެންގުޅޭ ވަޞީލަތްތަކާ ގުޅުންހުރި މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމުގައި ޤާނޫނު ތަންފީޛު ކުރާ ވުޒާރާއިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަށާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަދި އެންވަޔަރަންމަންޓަލް ރެގިއުލެޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތު ތަކަށް ވަނީ އިޞްލާޙުގެންނަވާފައެވެ.

މީގެ އިތުރުން މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ ޚިލާފަށް ކުނި މެނޭޖްކުރުމުގެ ސަބަބުން ތިމާވެއްޓަށް ނުވަތަ ޢާންމު ޞިއްޙަތަށް ނޭދެވޭ އަސަރެއް ކޮށްފި ޙާލަތެއްގައި، އެ ފަދައިން ޢަމަލުކުރާ ފަރާތްތައް ޖޫރިމަނާ ކުރުމާ ގުޅޭ ގަވާއިދު ހެދުމުގެ ބާރު އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީއަށް ވަނީ ދީފައެވެ. އަދި ކުނި މެނޭޖުކުރުމުގެ ޚިދުމަތްތައް ދިނުމުގައި ޢަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، އެކަންކަމާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ޒިންމާ އާއި، އިޤްތިޞާދީ ނުވަތަ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރާ ސަރަޙައްދުތަކުގައި އެކަށީގެންވާ ނިޒާމެއް ހިންގާކަން ކަށަވަރުކުރުމުގެ ޒިންމާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ވަނީ މަތިކުރައްވާފައެވެ.

އިންޑަސްޓްރިއަލް ކުންޏާއި ކޮތަޅު ފީއަށް ގެނެވުނު ލުއި
މި އިޞްލާޙުގައި، އިންޑަސްޓްރިއަލް މަސައްކަތްކުރާ ތަންތަނުގައި ކުނި މެނޭޖުކުރުމުގެ ޕްލޭން އެކުލަވައިލުމާއި ތަންފީޛުކުރުމުގެ އުސޫލުތައް ބަޔާންކޮށްފައިވެއެވެ. އަދި މީހުން ދިރިއުޅޭ ރަށެއްގެ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭ، އިޤްތިޞާދީ އަދި އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށްރަށާއި ސަރަހައްދުތަކުގައި އުފެދޭ ކުނި، މީހުން ދިރިއުޅޭ ރަށެއްގެ ކުނި މެނޭޖުކުރާ މަރުކަޒަކަށް ގެންދެވޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ހަމައެއާއެކު، ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ނަގާ 2 ރުފިޔާގެ ފީ، 50 ކޮތަޅަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކު ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން އިސްތިސްނާވާ ގޮތަށް ވަނީ އިޞްލާޙުކޮށްފައެވެ. މި ބަދަލުގެ ސަބަބުން ކުރިން ނެގެމުން އައި ޑަބަލް ޓެކްސް ނެގުން ހުއްޓުމަކަށް އަންނާނެއެވެ.

ކުނި އެތެރެކުރުމާއި ނުރައްކާތެރި ކުންޏާ ގުޅޭ މަނާކުރުންތައް
މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން، އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކުންޏެއް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ. މީގެ އިތުރުން، ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ހުއްދައެއް ނެތި ނުރައްކާތެރި ކުންޏާއި އެފަދަ ކުނި ހިމެނޭ އެއްވެސް އެއްޗެއް ރާއްޖޭގައި ވިއްކުމާއި، ބޭނުންކުރުމާއި، ޑިސްޓްރިބިއުޓް ކުރުމަކީވެސް މަނާ އަދި ކުށެއް ކަމުގައި ކަނޑައަޅާފައިވެއެވެ.

މި އިޞްލާޙުތަކާ ގުޅިގެން ހަދަންޖެހޭ ގަވާއިދުތަކާއި ގެންނަންޖެހޭ ބަދަލުތައް، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކުލަވާލައި ގެޒެޓުގައި ޝާއިޢުކުރަންޖެހެއެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450