ދުނިޔެ
އެމެރިކާއާ ގުޅިގެން ދަތިކުރުމުގެ ފިޔަވަޅު އަޅާ ޤައުމުތަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އިރާނުގެ ސަރުކާރުގެ އިސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.
އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ 'އިޤްތިޞާދީ ހަނގުރާމަ'އާ ގުޅޭ ކޮންމެ ޤައުމަކާ ދެކޮޅަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެ ކަމަށް ބުނެ އީރާނުން އިންޒާރު ދީފިއެވެ.
އީރާނުން މިފަދަ އިންޒާރެއް ދީފައި މިވަނީ، ގާތްގަނޑަކަށް ހަ މަސް ދުވަހަށް ދެމިގެން ގޮސްފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނެސް، ދެ ޤައުމުން ވެސް ޑިޕްލޮމެޓިކް މަގު އިޚްތިޔާރު ކުރުމަށް މިޞްރުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙުސިން ރިޟާއީ ދައުލަތުގެ ޓީވީ މެދުވެރިކޮށް ވާހަކަދައްކަވަމުން ވިދާޅުވީ، އެމެރިކާގެ އިޤްތިޞާދީ ފިއްތުންތަކުގައި ބައިވެރިނުވުމަށް އަވަށްޓެރި ޤައުމުތަކާއި ދުނިޔޭގެ އެހެން ޤައުމުތަކަށް ވެސް ގޮވާލާ ކަމަށެވެ.
"އަޅުގަނޑުމެންނާ ދެކޮޅަށް އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި ބައިވެރިވާ ކޮންމެ ޤައުމެއް ބެލެވޭނީ ދުޝްމަނެއްގެ ގޮތުގައި،" ރިޟާއީ ވިދާޅުވިއެވެ. އަދި އީރާނުގެ ސްޓްރެޓެޖީއަކީ ފުރަތަމަ މަޝްވަރާކޮށް އެމެރިކާއާ ދުރުހެލިވުމަށް އެންގުން ކަމަށާއި، އެކަން ޤަބޫލުނުކޮށްފިނަމަ އެ ޤައުމެއްގެ މަސްލަހަތުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުން މި އިންޒާރު ނެރެފައިވަނީ، އީރާނާ ދެކޮޅަށް އެންމެ ވަރުގަދަ އިޤްތިޞާދީ ފިޔަވަޅުތައް އަޅުއްވާނެ ކަމަށާއި، އީރާނަށް އެހީތެރިވާ ކޮންމެ ޤައުމަކަށް ވެސް އިޤްތިޞާދީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނިކޮށެވެ. އަދި އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވެސް ވަނީ އެހެން ޤައުމުތަކުން އޮންނަން ޖެހޭނީ އެމެރިކާއާއެކު ނުވަތަ އިދިކޮޅުގައި ކަމަށް ބުނެ އިންޒާރު ދީފައެވެ. މީގެ އިތުރުން އީރާނުގެ ތެލުގެ 80 އިންސައްތައަށް ވުރެ ގިނައިން ގަންނަ ޗައިނާއިން އެމެރިކާއަށް އެއްބާރުލުން ދިނުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވީ، އެމެރިކާއިން އަލަށް އިއުލާނުކުރަން އުޅޭ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އދ. ގެ މިނިވަން މެންބަރު ޤައުމުތަކުގެ ސިޔާދަތަށް އަރައިގަތުން ކަމަށާއި އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށެވެ. ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ޙަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައިވާއިރު، އެ ސަރަޙައްދުގެ ދަތުރުފަތުރުގެ ޙާލަތު އަދިވެސް އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.
މި ނުތަނަވަސްކަމުގެ ތެރޭގައި ވެސް ޑިޕްލޮމެޓިކް މަޝްވަރާތައް ދަނީ ހިނގަމުންނެވެ. މިގޮތުން މިޞްރުގެ ޚާރިޖީ ވަޒީރު ބަދްރު ޢަބްދުލްޢާތީއާއި އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރާޤްޗީ ފޯނުން ގުޅުއްވައި ސަރަޙައްދީ ހަމަޖެހުމާއި ޑިޕްލޮމެޓިކް މަގަށް އެނބުރި ރުޖޫޢަވުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އަރާޤްޗީ ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރާ ވެސް މަޝްވަރާކުރައްވާފައެވެ.