Ads by Farudhun

ޚަބަރު

މަޝްރޫއުތައް ހިންގުމަށް ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭ ބިލް ފާސް ކުރަން ގޮވާލާ 10،000 ސޮއި

މަޝްރޫއުތައް ހިންގުމަށް ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭ ބިލް ފާސް ކުރަން ގޮވާލާ 10،000 ސޮއި

ލ.މާވަށު ބިން ހިއްކުން. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޯގަސްޓު 2026، 01:07

23 އޯގަސްޓު 2026، 01:07

ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި ރަށްރަށުގެ ކައުންސިލުތަކުގެ އިހްތިސާސްގެ ދަށުގައިވާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބިލު، އޮތް ގޮތަށް ފާސްކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހަޅާ އީ-ޕެޓިޝަނުގައި 10،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި މި ބިލާ ގުޅިގެން ހުޅުވާލި ޕެޓިޝަނުގައި ސޮއިކުރަން ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 800 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާއިރު، މިއަދާ ހަމައަށް 10,150 މީހުން ވަނީ ސޮއިކޮށްފައެވެ. މަޖިލީހުގެ އީ-ޕެޓިޝަން ގަވާއިދު ބަޔާންކުރާ ގޮތުން ވޯޓުލެވޭ އާބާދީގެ 0.5 ޕަސެންޓް ކަމަށްވާ 2,100 ސޮއި ހަމަވުމުން، އެ ޕެޓިޝަނެއް މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވަން ޖެހެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެތަންތަން ކައުންސިލުގެ އިހްތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެއެވެ. އަދި އެ ނިންމުން ކަމާބެހޭ ގައުމީ އިދާރާއިން ކައުންސިލަށް އެންގުމުން، އެ ބިމެއް ނުވަތަ ތަނެއް ކައުންސިލުގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަންތަނަށް ވެގެންދާނެއެވެ.

ޕެޓިޝަންގައި ބުނެފައިވަނީ މި އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ބާރު ކެނޑިގެންދާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ސިޔާސީ މަގްސަދެއްގައި ފަތުރާ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ސިއްހީ ހިދުމަތްތަކާއި އަމަންއަމާންކަން ގާއިމުކުރުމަށް ބޭނުންވާ ޕޮލިސް ޕޯސްޓް ފަދަ ޒަރޫރީ ހިދުމަތްތަކަށް ބިން ދޫކުރުމަކީ މައި ސަރުކާރާއި ކައުންސިލްތައް ގުޅިގެން ގައުމީ މަސްލަހަތުގައި ކުރަންޖެހޭ ކަމެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

"ރަށުގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބައަށް ހިންގޭ މަޝްރޫއުތަކަށް ހުރަސްއެޅުމަކީ ލާމަރުކަޒީ ނިޒާމުގެ ގާނޫނީ މަގްސަދެއް ނޫނެވެ. ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް، ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ލަސްވިޔަނުދީ، ތަރައްގީގެ ދުވެލި ހަލުވިކުރުމަށް އެންމެހައި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަކީ ގާނޫނީ އަދި އަހްލާގީ ވާޖިބެކެވެ. މި އިސްލާޙުގެ މައިގަނޑު ގާނޫނީ ރޫޙަކީ އަދި މަގްސަދަކީވެސް، އެއްވެސް ހުރަހެއްނެތި، ލަސްވުމެއްނެތި، ރައްޔިތުންނަށް ހައްގުވާ އަސާސީ ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން ކަށަވަރުކުރުމެވެ،" ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، މި އިސްލާހު ފާސްކުރި ނަމަވެސް، ގާނޫނާ އެއްގޮތަށް ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލްގެ އިހްތިސާސްގައިވާ ބިންތައް ބޭނުން ކުރުމުގެ ފުރިހަމަ ގާނޫނީ ބާރު ކައުންސިލްތަކަށް އޮންނާނެ ކަމަށް ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ. މި ބިލް ފާސްނުކުރުމަށް ގޮވާލައި ވެސް ދާދިފަހުން ޕެޓިޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު، އެ މައްސަލަ މިހާރު އޮތީ މަޖިލީހުގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450