ޚަބަރު
މާލޭގެ ރެސްޓޯރެންޓެއްގައި މާރާމާރީއެއް، 19 އަހަރުގެ މީހެއް ހައްޔަރުކޮށްފި
ޕޮލިސް ހެޑްކުއާޓާސް. ފޮޓޯ: ދައުރު
މާލޭގެ މާފަންނުގައި ހުންނަ ރެސްޓޯރެންޓެއްގެ ތެރޭގައި ހިންގި މާރާމާރީއަކާ ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ، މާފަންނު ރެސްޓޯރެންޓެއްގައި މާރާމާރީއެއް ހިންގަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އޮގަސްޓް 22 ވަނަ ދުވަހުގެ ރޭގަނޑު 23:00 ހާއިރު ކަމަށެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މިހާތަނަށް ބެލި ބެލުމުން އެނގިފައިވަނީ ރެސްޓޯރެންޓް ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އެތަނުގައި އިން އަންހެނަކަށް ފިރިހެނަކު ހަމަލާދީފައިވާ ކަމަށެވެ. އަދި މި ހަމަނުޖެހުން ހުއްޓުވުމަށް މަސައްކަތްކުރި ބަޔަކަށްވެސް ހަމަލާދީ، ރެސްޓޯރެންޓުގެ ދޮރަށް ގެއްލުންދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
"މި މާރާމާރީގައި، އެތަނުގެ އަންހެން މުވައްޒަފެއްގެ ބޮލަށް ހަމަލާދިނުމުގެ ސަބަބުން ބޯ ދުޅަވެ އަނިޔާވެފައިވެއެވެ،" ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.