ދުނިޔެ

އިސްރާއީލުން ސަތޭކަޔަށްވުރެ ގިނަ ފަލަސްތީނު މީހުންގެ ހަށިގަނޑު "ބާގޭނިންގ ޗިޕްސް" ތަކެއްގެ ގޮތުގައި ހިފަހައްޓަނީ

އިސްރާއީލުން ސަތޭކަޔަށްވުރެ ގިނަ ފަލަސްތީނު މީހުންގެ ހަށިގަނޑު "ބާގޭނިންގ ޗިޕްސް" ތަކެއްގެ ގޮތުގައި ހިފަހައްޓަނީ

ޣައްޒާގެ ޝަހީދުންގެ ހަށިތަކެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 އޯގަސްޓު 2026، 05:33

12 އޯގަސްޓު 2026، 05:33

ކުރިއަށް އޮތް ތަނުގައި ބަދަލުކުރުމުގެ އެއްބަސްވުންތަކެއްގައި ބޭނުންކުރުމުގެ މަގުސަދުގައި އިސްރާއީލުން ފަލަސްތީނުގެ ސަތޭކަޔަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ހިފަހައްޓަމުންދާ ކަމަށް އިސްރާއީލުގެ ހާއަރެޓްޒް ނޫހުން ރިޕޯޓްކޮށްފިއެވެ.

 ފަލަސްތީނުގެ މުޖާހިދުންގެ ބަންދުގައި މިވަގުތު އިސްރާއީލުގެ އެއްވެސް ކެޕްޓިވްއަކު ނެތް ނަމަވެސް، އިސްރާއީލުން ވަނީ 1,700 އާ ގާތްކުރާ އަދަދަކަށް ފަލަސްތީނު މީހުންގެ ހަށިގަނޑު ހިފަހައްޓާފައެވެ.

ހާއަރެޓްޒްއިން ހޯމަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ޝިން ބެޓް ސެކިއުރިޓީ ސާވިސްގެ ޗީފް ދާވުދު ޒިނީ ވަނީ ކުރިއަށް އޮތް ތަނުގައި ހަދާ އެއްބަސްވުންތަކުގައި ބޭނުންކުރުމަށްޓަކައި އިސްރާއީލުން މި ހަށިގަނޑުތައް ހިފަހައްޓަންޖެހޭ ކަމަށް ވަކާލާތު ކުރައްވާފައެވެ. ނަމަވެސް، މި މައްސަލައިގައި އިސްރާއީލުގެ ކެބިނެޓުން ގަރާރެއް ފާސްކޮށްފައި ނުވާތީ، ހަނގުރާމަވެރިން ނޫން ފަލަސްތީނު މީހުންގެ ހަށިގަނޑު ހިފެހެއްޓުމުގެ ގާނޫނީ ބާރެއް އިސްރާއީލަށް ނެތް ކަމަށް ގާނޫނީ ވަކީލުންނާ ހަވާލާދީ ހާއަރެޓްޒްއިން ބުނެފައިވެއެވެ.

މި ހަށިގަނޑުތައް މިލިޓަރީ މަރުކަޒުތަކުގެ ފްރީޒަރުތަކުގައި ބަހައްޓާފައިވާއިރު، ބައެއް ހަށިގަނޑުތައް ފާހަގަކުރެވިފައި ނުވާ ކަމަށާއި އަދި ބައެއް ހަށިގަނޑުތައް ވީތަނެއްވެސް ނޭނގޭ ކަމަށް ދިފާއީ މަސްއޫލުވެރިން ބުނެއެވެ. މީގެ ތެރޭގައި އޮކްޓޯބަރު 2023 ގައި ހަނގުރާމަ ފެށުމުގެ ކުރިން އިސްރާއީލުގައި މަސައްކަތް ކުރުމުގެ ހުއްދަ އޮތް ގާޒާގެ ރައްޔިތެއް ކަމަށްވާ ރަޖާ ސަމޫރުގެ ހަށިގަނޑުވެސް ހިމެނެއެވެ. އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ބެލިބެލުމުން، އޭނާގެ ހަށިގަނޑު ވީތަނެއް އިސްރާއީލުގެ ސޫޕްރީމް ކޯޓަށާއި މިލިޓަރީއަށްވެސް ނޭނގޭ ކަމަށް ވަނީ އިއުތިރާފްވެފައެވެ.

އޮކްޓޯބަރު 2025 ގައި، ފަލަސްތީނިއަން ނޭޝަނަލް ކެމްޕޭން ފޯ ދަ ރީޓްރީވަލް އޮފް މާޓިއާސް ބޮޑީސްއިން ބުނެފައިވަނީ، އިސްރާއީލުގެ ދެކުނުގައިވާ ސުދޭ ތޭމަން މިލިޓަރީ މަރުކަޒުގައި ގާޒާގެ 1,500 އެއްހާ ފަލަސްތީނު މީހުންގެ ހަށިގަނޑު އިސްރާއީލުން ހިފަހައްޓާފައިވާ ކަމަށެވެ. މިއީ ފަލަސްތީނުގެ އަސީރުންނަށް ބޮޑެތި އަނިޔާތަކެއް ކުރަމުންދާ ކަމަށް ރިޕޯޓްކުރެވިފައިވާ މަރުކަޒެކެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގިނަ ޖަމާއަތްތަކުން ވަނީ ފަލަސްތީނު މީހުންގެ ހަށިގަނޑު ހިފެހެއްޓުމުގެ އިސްރާއީލުގެ ސިޔާސަތު ކުށްވެރިކޮށް، އެ ހަށިގަނޑުތައް ވަގުތުން އާއިލާތަކާ ހަވާލުކުރުމަށް ގޮވާލާފައެވެ. އިސްރާއީލުގެ ގާނޫނުގެ ދަށުން މިއީ ހުއްދަ ކަމެއްގެ ގޮތުގައި އޮތް ނަމަވެސް، ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކުން މައްޔިތުންގެ ހަށިގަނޑު ހިފެހެއްޓުން މަނާކުރެއެވެ. އަދި މައްޔިތުންނަށް އިހުތިރާމްކޮށް، އެމީހުންގެ ދީނީ އުސޫލުތަކާ އެއްގޮތަށް ކަރާމާތްތެރިކަމާއެކު ކަފުންކޮށް ދަފަންކުރުމަށް ބައިނަލްއަގުވާމީ ގާނޫނުތައް ލާޒިމުކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450