ޚަބަރު
މި އަހަރުގެ 2 ވަނަ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށައިފި
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް. ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
މި އަހަރުގެ ދެވަނަ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ފަށައިފިއެވެ.
މިއީ ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދީ، އެ ދާއިރާއަށް ޝައުޤުވެރިވާ މީހުން ބިނާކުރުމަށްޓަކައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) ގުޅިގެން ހިންގާ ކޯހެކެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިން ފެސިލިޓީގައި ކުރިއަށްގެންދާ މި އަސާސީ މެރިކަލްޗާ ކޯސް ކުރިއަށްދާނީ މި އޮގަސްޓް މަހުގެ 8 އިން ފެށިގެން 20 ގެ ނިޔަލަށެވެ. މިއީ މިއަހަރު ބާއްވާ މިފަދަ ދެވަނަ ކޯސް ކަމަށްވާއިރު، މިއަހަރުގެ ފުރަތަމަ ކޯސް ކުރިއަށް ގެންގޮސްފައިވަނީ ޖެނުއަރީ މަހުގެ ތެރޭގައެވެ.
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ހިމަނުއްވާފައިވާ ހަރަކާތްތަކުގެ ތެރެއިން ފެށިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ގާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމެވެ. ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާ އެކު، މި ބޭސިކް މެރިކަލްޗާ ޓްރެއިނިންގ ކޯސްތައް މިހާރު ވަނީ އަހަރަކު ދެ ކޯހުން ހަތަރު ކޯހަށް އިތުރުކޮށްފައެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ދެމެހެއްޓެނިވި މެރިން އެކުއަކަލްޗާގެ ސިނާއަތެއް ގާއިމުކުރުމަށް މަގުފަހިކުރުމަށްޓަކައި މެރިކަލްޗާ ދާއިރާއިން މީހުން ބިނާކުރުމެވެ. ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ކޯހުގެ ސަބަބުން، ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ތައާރަފުކޮށް ތަރައްގީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން ބިނާވެގެންދާނެއެވެ.