ދުނިޔެ

އިންޑިއާއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑިއާއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑިއާއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ފެންބޮޑުވެފައިވާ ސަރަހައްދެއް. ފޮޓޯ:އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 އޯގަސްޓު 2026، 04:26

05 އޯގަސްޓު 2026، 04:26

އިންޑިއާއަށް މިހާރު ކުރަމުންދާ މޫސުމީ ގަދަ ވިއްސާރައިގެ ސަބަބުން ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި، ޖުލައި މަހުން ފެށިގެން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ވިއްސާރައިގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން މަޖުބޫރުވެފައެވެ.

ކޮންމެ އަހަރަކުވެސް ކުރިމަތިވާ މި މޫސުމީ ވިއްސާރައަކީ ދަނޑުވެރިންނަށް މުހިންމު ވާރޭ ކަމުގައި ވީނަމަވެސް، ސައިންސްވެރިން ބުނާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދެކުނު އޭޝިއާގައި މި ވިއްސާރައިގެ ނުރައްކާ ދަނީ އަހަރަކަށްވުރެ އަހަރެއް ބޮޑުވަމުންނެވެ. މިއަހަރުގެ ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އާސާމް ސްޓޭޓަށެވެ. އެ ސްޓޭޓުން އެކަނިވެސް 87 މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން 47 މީހުންނަކީ ސިވަސާގަރު ޑިސްޓްރިކްޓަށް ނިސްބަތްވާ މީހުންނެވެ.

ކެރެލާގެ ޗީފް މިނިސްޓަރު ވީ.ޑީ. ސަތީސަން ވިދާޅުވި ގޮތުގައި، އެ ސްޓޭޓަށް ކުރި ބޯ ވާރޭގައި މިހާތަނަށް 15 މީހުން މަރުވެ، 7 މީހަކު ވަނީ ގެއްލިފައެވެ. އަދި 10,000 އަށްވުރެ ގިނަ މީހުން މިހާރު ތިބީ ސްޓޭޓުގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ 300 އަށްވުރެ ގިނަ ރިލީފް ކޭމްޕުތަކުގައެވެ. މީގެ އިތުރުން، އިންޑިއާއިން ބަލަހައްޓާ ޖައްމޫ އެންޑް ކަޝްމީރުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން 31 މީހުން މަރުވެފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރެއެވެ.

ޖަރްކަންދު ސްޓޭޓުގައި ހޮނު އެޅުމުގެ ހާދިސާތަކުގައި 14 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ހާމަ ދަނޑުތަކުގައި މަސައްކަތް ކުރަން ތިބި މީހުންނެވެ. އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނާ ގޮތުގައި، 2025 ވަނަ އަހަރު ޖަރްކަންދުން އެކަނިވެސް 200 އަށްވުރެ ގިނަ މީހުން މަރުވެފައިވަނީ ގުގުރުމާއެކު ކުރިމަތިވި ހޮނު އެޅުމުގެ ހާދިސާތަކުގައެވެ. އާންމުކޮށް އިންޑިއާއަށް ކުރިމަތިވާ ހޫނު މޫސުމާއި ފެނަށް ޖެހުމުގެ ދުވަސްވަރަށްފަހު، މިފަދަ މޫސުމީ ވިއްސާރައިގައި މީހުން މަރުވުމަކީ ކޮންމެ އަހަރަކުވެސް ހިނގާ ކަމެކެވެ.

މި ނުރައްކާތެރި މޫސުމީ ހާލަތު އިންޑިއާގެ އިތުރުން އަވަށްޓެރި ސްްރީލަންކާއަށްވެސް ވަނީ ކުރިމަތިވެފައެވެ. ލަންކާގައި ފެންބޮޑުވުމުގެ ސަބަބުން 8 މީހުން މަރުވެ، 12,000 މީހުން ވަނީ ހާލުގައި ޖެހިފައެވެ. މިއީ އެ ގައުމުގެ އިރުމަތީ ސަރަހައްދުތަކަށް އިންތިހާއަށް ހަނަފަސްކަން ކުރިމަތިވެ، ބޯފެން ފޯރުކޮށްދިނުމަށް ޓޭންކަރުތައް ބޭނުންކުރަން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. ލަންކާ ސަރުކާރުން ބުނާ ގޮތުގައި މި ހާލަތު މެދުވެރިވީ މިއަހަރުގެ 'އެލް ނީނިއޯ' ކްލައިމެޓް ޕެޓާންގެ ސަބަބުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450