ދުނިޔެ

ޓްރަމްޕްގެ ބަދަލުވަމުންދާ ބަޔާންތަކާއެކު އީރާނުގެ ރައްޔިތުން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައި

ޓްރަމްޕްގެ ބަދަލުވަމުންދާ ބަޔާންތަކާއެކު އީރާނުގެ ރައްޔިތުން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައި

އީރާނުގެ މަގެއްގެ މަތީގައި އިރާނުގެ ރައްޔިތުންތަކެއް. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޯގަސްޓު 2026، 04:11

04 އޯގަސްޓު 2026، 04:11

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމާއި، އަލުން މަޝްވަރާތައް ފެށުމާ ގުޅޭގޮތުން ދެމުންދާ ފުށުއަރާ ބަޔާންތަކުގެ ސަބަބުން އީރާނުގެ ރައްޔިތުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ.

މަސްތަކެއް ވަންދެން ޓްރަމްޕް ދެމުން ގެންދަވާ ބަޔާންތަކުގައި ބައެއް ފަހަރު ބޮން އެޅުމުގެ އިންޒާރު ދޭއިރު، އަނެއްބައި ފަހަރު މަޝްވަރާގެ ވާހަކަ ދައްކައިފައިވެއެވެ.

އީރާނުގެ ވެރިރަށް ތެހެރާނުގައި މަސައްކަތްކުރާ ބައެއް މީހުން ބުނާ ގޮތުގައި، ޓްރަމްޕްގެ މި ވާހަކަތަކަށް މިހާރު އެމީހުން މާބޮޑު ސަމާލުކަމެއް ނުދެއެވެ. "އޭނާގެ ބަސްތަކުން އަހަރެމެންގެ ދިރިއުޅުމަށް އަސަރުކުރޭ، ނަމަވެސް މި ނުތަނަވަސް މާހައުލުން ސަލާމަތްވުމަށްޓަކައި އަހަރެން މަސައްކަތް ކުރަނީ އަހަރެންގެ ކޮންޓްރޯލްގައި ހުރި ކަންކަމަށް ސަމާލުކަން ދީގެން އާއިލާ ރައްކާތެރިކުރަން،" ތެހެރާނުގެ މާލީ އިދާރާއެއްގައި މަސައްކަތްކުރާ އުމުރުން 27 އަހަރުގެ ފާއިޒާ ބުންޏެވެ.

ޓްރަމްޕްގެ ބަޔާންތަކުގެ ސަބަބުން އީރާނުގެ ފައިސާ، ރިއާލްގެ އަގު ވަނީ ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައެވެ. މިދިޔަ ހޯމަ ދުވަހު އީރާނުގެ ބާޒާރުގައި އެމެރިކާ ޑޮލަރެއްގެ އަގު ވަނީ 1.91 މިލިއަން ރިއާލްއަށް އަރާފައެވެ. ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި އީރާނުގެ ފައިސާގެ އަގު ވައްޓާލުމާ ގުޅޭގޮތުން ފަހުރުވެރިކަމާއެކު ވާހަކަދައްކާފައެވެ. އީރާނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު ތަކެތީގެ އަގު ވަނީ ގާތްގަނޑަކަށް 90 އިންސައްތަ އުފުލިފައެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ އެމެރިކާއާއެކު ޖޫން މަހު ސޮއިކުރި އެއްބަސްވުމަށް ތާއީދުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެ އެއްބަސްވުމަކީ ކުރިމަގުގައި އީރާނުގެ ބޭރުގެ ގުޅުންތަކުގެ މައިގަނޑު އަސާސް ކަމަށެވެ. ނަމަވެސް ޓްރަމްޕް ވަނީ އީރާނުން އެއްބަސްވުމަކަށް އަންނަންޖެހޭނެ ކަމަށާއި، ނޫންނަމަ މުޅިން ބޯލަނބަން ޖެހޭނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

މި ދަނޑިވަޅުގައި އީރާނުގެ ދައުލަތުގެ މީޑިއާއިން ދަނީ ހަނގުރާމައަކަށް ތައްޔާރުވުމަށް ރައްޔިތުންނަށް ގޮވާލަމުންނެވެ. ބައެއް މުހައްލިލުން ލަފާކުރާ ގޮތުގައި އެމެރިކާއިން އީރާނުގެ އިންފްރާސްޓްރަކްޗާއަށް ހަމަލާދީ، ގައުމުގެ އެތެރޭގެ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް، ބައެއް ރައްޔިތުން ގަބޫލުކުރާ ގޮތުގައި އެމެރިކާގެ ކޮންގްރެސް އިންތިހާބުގެ ކުރިން ޓްރަމްޕް އެއްވެސް ނުރައްކާތެރި އަސްކަރީ ފިޔަވަޅެއް ނާޅުއްވާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450