ދުނިޔެ
އީރާނާއެކު އައު މަޝްވަރާތަކެއް ހޯމަ ދުވަހު ފަށަނީ: ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ފޮޓޯ: ރޮއިޓާސް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް ދޭން ނިންމެވި ވަރުގަދަ ހަމަލާތަކެއް މަޑުޖައްސާލުމަށްފަހު، ދެ ގައުމުގެ ދެމެދުގައި އައު މަޝްވަރާތަކެއް ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަން އިއުލާނު ކޮށްފިއެވެ.
އެއާފޯސް ވަންގައި ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ބުނީ، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދެވޭނެ އެންމެ ވަރުގަދަ ހަމަލާ އީރާނަށް ދިނުމަށް ރޭވުމެއް އޮތް ނަމަވެސް، ޑިޕްލޮމަސީއަށް ފުރުސަތު ދިނުމުގެ ގޮތުން އެކަން ހުއްޓާލާފައިވާ ކަމަށެވެ. "އީރާނުން ބޭނުމެއް ނުވޭ ހަމަލާއެއް އަންނާކަށް. އެމީހުންނަށް އެނގޭ ހަމަލާގެ ވަރުގަދަކަން،" ޓްރަމްޕް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މާދަމާ މެންދުރުފަހު އީރާނާއެކު މަޝްވަރާތައް ފެށޭނެ ކަމަށެވެ.
މި ހަމަލާތައް މަޑުޖައްސާލުމަށް އެމެރިކާގެ ބައިވެރިން ކަމަށްވާ ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ގަތަރުން ބާރުއަޅާފައިވާ ކަމަށް ޓްރަމްޕް ހާމަކުރިއެވެ. ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވެސް ވަނީ ހަމަލާ ނުދިނުމަށް އެދިވަޑައިގެން، އޭގެ ސަބަބުން ސަރަހައްދަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުގެ އިންޒާރު ދެއްވާފައެވެ.
ޓްރަމްޕްގެ މި އިއުލާނާ ގުޅިގެން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވަނީ ސައުދީ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާންއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާތަކުގައި ޕާކިސްތާނުގެ އަސްކަރީ ކޮމާންޑަރު އާސިމް މުނީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ހޯރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން އީރާނާއި އޮމާނާ ދެމެދު ކުރެވޭ މަޝްވަރާތައް ނިމުމަކާ ގާތްވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާއާއި އިސްރާއީލުން ފެބްރުއަރީ 28 ގައި އީރާނަށް ދިން ކުއްލި ހަމަލާތަކާއެކު ފެށުނު މި ހަނގުރާމައިގައި، މީގެ ކުރިން ހަމަޖެހުނު ސުލްހައިގެ އެއްބަސްވުން ވަނީ ނާކާމިޔާބުވެފައެވެ. ނަމަވެސް މިހާރު ކުރިއަށްދާ މަޝްވަރާތަކަކީ ހޯރްމުޒް ކަނޑުއޮޅީގެ ސަލާމަތާއި ނިއުކްލިއާ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެކެވެ.
މަޝްވަރާތައް ފެށުމަށް ނިންމައި، ހަމަލާތައް މަޑުޖައްސާލުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ބްރެންޓް ކްރޫޑް ތެލުގެ އަގު 4.64 އިންސައްތަ ދަށަށް ގޮސް ފީފާއެއްގެ އަގު 83.85 ޑޮލަރަށް ތިރިވެފައިވާއިރު، މިއީ ސަރަހައްދީ ހަމަނުޖެހުންތަކުގެ ބިރު ކުޑަވުމާ ގުޅިގެން އައި ބަދަލެއް ކަމަށް މާހިރުން ލަފާކުރެއެވެ.