Ads by Farudhun

ޚަބަރު

އަންނަ އަހަރުގެ ކައުންސިލް ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ ކަނޑައަޅައިފި

އަންނަ އަހަރުގެ ކައުންސިލް ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ ކަނޑައަޅައިފި

ފިނޭންސް މިނިސްޓްރީ ފޮޓޯ:މޯލްޑިވްސް ފައިނޭންޝަލް ރިވިއު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ޖުލައި 2026، 05:11

28 ޖުލައި 2026، 05:11

ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް އަންނަ އަހަރު ދޫކުރާ ފައިސާގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތް މާލީ ވުޒާރާއިން ފަށައިފިއެވެ. މިއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

މާލީ ވުޒާރާއިން ވިދާޅުވީ، ދައުލަތުގެ ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ ދެ މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަންޖެހޭތީ، ކައުންސިލްތަކުން މެދު ރާސްތާ ބަޖެޓު ތައްޔާރުކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. މި ބަޖެޓު ތައްޔާރުކުރަންވާނީ "ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ބަޖެޓު ތައްޔާރުކުރާއިރު އާމްދަނީއާއި ޚަރަދު ވަކިން އެނގެން އޮންނަންވާނެ ކަމަށް މާލީ ވުޒާރާއިން ބުނެއެވެ. މީގެ ތެރޭގައި ދައުލަތުން ދޭ ބްލޮކް ގްރާންޓާއި، ސަރުކާރުގެ އިދާރާތަކުން ދޭ ކޮންޑިޝަނަލް ގްރާންޓާއި، ކައުންސިލްތަކުގެ ޓްރަސްޓް ފަންޑް އަދި އަމިއްލަ އާމްދަނީ ހިމަނަންވާނެއެވެ. ވުޒާރާއިން ލަފާކުރާ ގޮތުގައި 2027 އިން 2029 އަށް ބަޖެޓު ތައްޔާރުކުރާއިރު، ކަނޑައެޅިފައިވާ އަދަދުތަކަށްވުރެ ބޮޑުނުވާނެ ގޮތަށް ސަމާލުކަން ދޭންވާނެއެވެ.

މި އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލްތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ބަޖެޓުކުރި އަހަރެވެ. މިއަހަރުގެ ބަޖެޓުގައި 2.47 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިހާތަނަށް 1.25 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަންނަ އަހަރަށް ކަނޑައެޅި 2.5 ބިލިޔަން ރުފިޔާއަކީ މިއަށްވުރެ ވެސް އިތުރު އަދަދެކެވެ.

ކައުންސިލްތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅަނީ މާލޭ ސިޓީ ކައުންސިލް ހިމެނޭހެން ސިޓީ ކައުންސިލްތަކަށެވެ. ނަމަވެސް، ސަރުކާރުން މިހާރު ވަނީ މި ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައެވެ. އެގޮތުން، އަތޮޅު ކައުންސިލްތައް އުވާލައި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ލިބޭ ގްރާންޓް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަޖެޓު ކަނޑައެޅުމުގައި ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑުމިނަށް ބަލައިގެން ފައިސާ ދޫކުރާ ގޮތަށް އުސޫލު ބަދަލުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

މާލީ ވުޒާރާއިން ވަނީ ހުރިހާ ކައުންސިލްތަކުން ވެސް ސާކިއުލާއާ އެއްގޮތަށް 2029 ގެ ނިޔަލަށް ލަފާކުރާ ބަޖެޓު، 18 ސެޕްޓެމްބަރު 2026 ގެ ކުރިން ހުށަހެޅުމަށް އެދިފައެވެ. މި ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކުގެ މާލީ ތަނަވަސްކަން އިތުރުވެ، ތަރައްޤީގެ މަޝްރޫޢުތައް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450