ޚަބަރު
ސައޫދީގެ ޕްރިންސް ޑޮކްޓަރ މަންޞޫރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި
ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދް ފުރާވަޑައިގަތުން ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ސައޫދީ އަރަބިއްޔާގެ މަތީ ފަންތީގެ ވަފުދު ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ވަޑައިގަތީ ސައޫދީ އަރަބިއްޔާގެ ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ސަޢޫދީ ވަލީއަޙުދު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ މަންދޫބެއްގެ ގޮތުންނެވެ.
ދަތުރުފުޅުގެ ތެރެއިން ޕްރިންސް ޑޮކްޓަރ މަންޞޫރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އުޚުއްވަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ޝަރަފުގައި ރަސްމީ މެންދުރުގެ ފަރިއްކޮޅެއްވެސް ބާއްވަވާފައެވެ.
ޕްރިންސް ޑޮކްޓަރ މަންޞޫރު މި ދަތުރުފުޅު ނިންމަވާލެއްވީ ޖުމްހޫރީ މައިދާނުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށްފަހުގައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް އަލްވަދާޢު ވިދާޅުވީ، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރެވެ. މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދިން މުހިންމު ދަތުރުފުޅެއް ކަމަށް ރާއްޖޭގައި ހުންނަ ސައުދީ ހައިކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.