ޚަބަރު
މި ސަރުކާރު ވާހަކަދައްކާނީ ނަތީޖާއިން، އިޤްތިޞާދީ މިނިވަންކަން ކަށަވަރުކޮށްދޭނަން: ރައީސް މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ޤައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅުކޮށް، އިޤްތިޞާދީ މިނިވަންކަން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލު ހާމަކުރައްވާފައެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރަކީ ނަތީޖާއިން ވާހަކަދައްކާނެ ސަރުކާރެއް ކަމަށާއި، އިޤްތިޞާދީ ގޮތުން ޤައުމު މިނިވަންކުރުމަށް ކުރާ މަސައްކަތްތައް ކާމިޔާބު ނަތީޖާއަކާ ހަމަޔަށް ގެންގޮސްދެއްވާނެ ކަމަށެވެ. މިގޮތުން، ޤައުމުގައި ހުރި އިޤްތިޞާދީ މައްސަލަތައް ޙައްލުކުރުމުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، މިއަދާ ހަމައަށްވެސް ފައިސާ ޗާޕުނުކޮށް ހިފަހައްޓަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް، ޙަޤީޤަތަކީ އެއީކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިތުރަށް ފައިސާ ޗާޕުކުރުމަކާ ނުލައި، ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ދައްކަމުން، އިޤްތިޞާދު މިހާރު އޮތް އަނދަވަޅުން ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށެވެ.
ބޭރު ފައިސާގެ ދަތިކަމާއި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ކުރު ރާސްތާ، މެދު ރާސްތާ އަދި ދިގު ރާސްތާގެ ޕްލޭންތަކެއް މިހާރު އެކުލަވާލާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. މި ޕްލޭންތައް ތަންފީޒުކުރުމުގައި ކަމާބެހޭ މާހިރުންގެ ލަފައާއި، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާ ފަދަ މުހިންމު ސިނާޢަތްތަކުގެ މަޝްވަރާ ހޯއްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ރާއްޖެއަކީ އިޤްތިޞާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފުދުންތެރި ޤައުމަކަށް ވުމަކީ، މި ސަރަޙައްދުގެ އަމާންކަމާއި ހަމަޖެހުމަށްޓަކައިވެސް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި މި މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ، ދިވެހިރާއްޖެއަކީ ތަރައްޤީއާއި ތަމައްދުންގެ ރޭހުގައި ކުރިއަރާފައިވާ ފަޚުރުވެރި މިނިވަން ދައުލަތަކަށް ވެގެންދިއުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.