ޚަބަރު
ގާސިމްގެ މަރުގެ މައްސަލައިގައި އަދުހަމް މެރުމަށް ކުރި ހުކުމް މަތީ ކޯޓުން ދަމަހައްޓައިފި
ގާސިމްގެ މަރުގެ މައްސަލައިގައި ހުކުމްކޮށްފައިވާ އަދުހަމް---
ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލައިގައި އަދުހަމް މުހައްމަދު މެރުމަށް ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފިއެވެ.
އަދުހަމް މެރުމަށް 16 އޭޕްރީލް 2023ގައި ދަށު ކޯޓުން ކުރި ހުކުމަކީ ތިން މަރުހަލާ ފުރިހަމަ ކުރަން ޖެހޭ ހުކުމަކަށް ވާތީ، ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އެ ހުކުމް އިސްތިއުނާފްކުރިއެވެ.
އަދި ގާސިމް ހަސަން މަރާލި މައްސަލައިގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައި، އަދުހަމްގެ ކިބައިގައި މީހަކު މަރާލުމުގެ ނިޔަތް އޮތްކަން ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން އޭނާ ހަމަލާދިނުމަށް ބޭނުންކުރީ އިންސާނެއްގެ މަސްގަނޑު ފަސޭހައިން ކަފާލެވޭ ފަދަ ނުރައްކާތެރި ވަޅިއެއްކަމާއި، ހަމަލާ އަމާޒުކުރީ މީހަކު މަރާލުމުގެ ފުރުސަތު ބޮޑު ގުނަވަނެއް ކަމަށްވާ ކަރަށްކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެ އަމަލު ހިންގިއިރު އަދުހަމް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބުނި ނަމަވެސް، އޭނާގެ އަމަލުތައް ހުރި ގޮތުން އެކަން ކުރީ ބުއްދި އިސްކޮށް، ވަރަށް ބޮޑަށް ރާވައިގެންކަން އެނގޭތީ، ކްރިމިނަލް ކޯޓުގެ ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފައެވެ.
ހައި ކޯޓުގެ ހުކުމުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ތަހުޤީގާއި ޝަރީއަތުގެ ހުރިހާ މަރުހަލާއެއްގައިވެސް އަދުހަމަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ވަކީލަކު އައްޔަންކުރުމާއި ދިފާއުވުމުގެ ހައްޤު ފުރިހަމައަށް ލިބިދިން ކަމަށެވެ. އަދި މަޖުބޫރުކޮށްގެން ކުށަށް އިއުތިރާފްކުރުވި ކަމަށް ބުނެ އޭނާ ފަހުން ދެއްކި ވާހަކަތަކަށް ބާރުދޭ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށްވެސް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
ތިން މަރުހަލާ ފުރިހަމަކުރަން ޖެހޭ ހުކުމަކަށްވާތީ ހައި ކޯޓުން ކުރި ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފުކުރަން ޖެހޭނެއެވެ.
ހުޅުމާލޭގައި ގާސިމް މަރާލާފައި އޮއްވާ ފެނުނީ 2019 ޑިސެމްބަރު 4 ގައެވެ. މި މައްސަލައާ ގުޅިގެން އަދުހަމްގެ މައްޗަށް ތޫނު އެއްޗަކުން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ވަނީ އުފުލާފައެވެ. ފައިސާ ފޭރެން އުޅުމުގެ ތެރޭގައި ގާސިމް މަރާލި ކަމަށް ތުހުމަތުކުރެވޭ އަދުހަމް، ފިލައިގެން އުޅެނިކޮށް ފުލުހުން ހައްޔަރުކުރީ އެ މަހުގެ 20 ވަނަ ދުވަހުއެވެ.