ޚަބަރު
އެމްއައިބީއިން ގެސްޓްހައުސް އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިއުލާނުކޮށްފި
މިކަން އިއުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތު. ފޮޓޯ: އެމްއައިބީ
ރާއްޖޭގައި ޓޫރިޒަމް ދާއިރާގެ މުހިންމުކަން ފާހަގަކޮށް، އަދި ގެސްޓްހައުސް ވިޔަފާރީގެ ރޮނގުން ހިދުމަތްކުރުމުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026 ބޭއްވުމަށް ހަމަޖެހިފައިވާކަމަށް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބުނެފިއެވެ.
މިކަން އިއުލާނުކޮށްފައި ވަނީ މިކަމަށް ޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ. މި އެވޯޑުތަކަށް ކުރިމަތިލުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ 15 ޖުލައި ގައެވެ.
މި އެވޯޑުގެ އިވޭލުއޭޝަން ކަންކަން ކުރިއަށްގެންދާނީ ކްރޯ މޯލްޑިވްސް އެޑްވައިޒަރީގެ ފަރާތުންނެވެ.
އެވޯޑުތަކަށް ފަރަތްތައް ހޮވުމުގައި އިންސާފުވެރި ނިޒާމެއް ގާއިމުކުރުމުގެ ގޮތުން އަދި އެކި ސައިޒުތަކުގެ ގެސްޓްހައުސްތަކުގެ މެދުގައި އޮންނަ ވާދަވެރިކަން އިންސާފުވެރި ގޮތަކަށް މިންކުރުމަށް، ގެސްޓްހައުސްތަކަށް އެވޯޑުތައް ދިނުމަށް ހަމަޖެހިފައިވަނީ ދެ ޓިއަރއަކަށް ބަހާލައިގެނެވެ.
އެއީ:
- ޓިއަރ 1: 10 ކޮޓަރިއާ ހަމައަށް ހިމެނޭ ގެސްޓްހައުސްތައް އަދި
- ޓިއާ 2: 11 ކޮޓަރިން ފެށިގެން މަތީގެ ގެސްޓްހައުސްތަކެވެ.
އަދި މި އެވޯޑުތަކަށް ކުރިމަތިލުމުގެ ޝަރުތުތައް ވެސް އެ ބޭންކުން މިހާރު ވަނީ ޢިއުލާނުކޮށްފައެވެ. އެއީ:
- ދިވެހިރާއްޖޭގެ ކުންފުނިތަކާބެހޭ ގާނޫނުގެ ދަށުން ގާނޫނީގޮތުން ރަޖިސްޓްރީކޮށްފައިވާ ތަނަކަށްވުން
- މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ގެސްޓްހައުސް ހިންގުމުގެ ލައިސަންސެއް އޮތުން
- ސިއްހަތާއި، ސަލާމަތާއި، އަދި ތިމާވެށްޓާއި ގުޅޭ ގާނޫނުތަކާ އެއްގޮތަށް ހިންގާ ތަންތަނަށްވުން
- ގާނޫނީ ގޮތުން ބޭނުންވާ ލިޔެކިޔުންތައް ކަމަށްވާ ޓެކްސް ކްލިއަރެންސް ސެޓްފިކެޓް، ޕެންޝަން ގާނޫނާ އެއްގޮތަށް ފައިސާ ދައްކާކަމުގެ ލިޔުން، އަދި ވަޒީފާއާބެހޭ ގާނޫނަށް ތަބާވާކަމުގެ ލިޔުންތައް ހުށަހެޅުން
- އެޕްލިކޭޝަން ހުށަހަޅާ ތާރީޚާ ހަމައަށް، މެދުކެނޑުމެއްނެތި މަދުވެގެން 12 މަސްދުވަހު ހިންގާފައިވާ އަދި މިހާރުވެސް ހިންގަމުންދާ ތަނަކަށްވުން
- ބުކިންގް.ކޮމް، އެއާބީއެންބީ، އަގޯޑާ ނުވަތަ ޓްރިޕްއެޑްވައިޒާ ފަދަ ބައިނަލްއަޤުވާމީ ގޮތުން ބަލައިގަންނަ އޮންލައިން ޓްރެވަލް ޕްލެޓްފޯމެއްގައި އެކްޓިވް ލިސްޓިންގްއެއް އޮންނަ ފަރާތަކަށްވުން
މި އެވޯޑްސްގެ ދަށުން ޖުމްލަ 3 ކެޓަގަރީއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކޮންމެ ޓިއަރ އަކުން ގެސްޓްހައުސްތަކަށް ޚާއްޞަ 8 އެވޯޑާއި، ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނަށްދޭ އިންޑިވިޖުއަލް 3 އެވޯޑްގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ ރަށަށް ދެވިގެންދާ އެވޯޑެވެ.
ވަކި ވަކި ފަރުދުންނަށް ކަނޑައަޅާފައިވާ ޝަރުތުތަކަކީ:
- ދިވެހި ރައްޔިތެއް ކަމުގައިވުން
- މޯލްޑިވްސް އިސްލާމިކް ބޭންކާ ނުވަތަ ކްރޯ މޯލްޑިވްސް އެޑްވައިޒަރީއާ އެއްވެސް ކަހަލަ މަސްލަހަތު ފުށުއެރުމެއް އޮތް ފަރާތްތަކަކަށް ނުވުން
ރަށްތަކަށް ކަނޑައަޅާފައިވާ ޝަރުތުތައް:
- ރަށު ފެންވަރުގައި ޓޫރިޒަމް ޕްރޮމޯޓުކުރުމުގެ ހަރަކާތްތައް ހިންގާ ފަރާތަކަށްވުން
- ފޯމުލާއިރު މަދުވެގެން 50 ގެސްޓްހައުސް ކޮޓަރީގެ ޖާގަހުރި ރަށަކަށްވުން
އެވޯޑް ދިނުމުގެ ހަފްލާ ބާއްވާނެ ދުވަހެއް ކުރިއަށް އޮތް ތަނުގައި އެމްއައިބީއިން އިއުލާނުކުރާނެކަމަށް އެ ބޭންކުން ހާމަކުރެއެވެ.