ދުނިޔެ
ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1,450އަށް އަރައިފި
ވެނެޒުއޭލާއަށް އައި ބިންހެލުމުގައި ގެއްލުނު މީހުން ހޯދުމުގެ މަސައަކަތް ކުރަނީ. ފޮޓޯ:އީޕީއޭ
ވެނެޒުއޭލާއަށް ކުރިމަތިވި ބާރުގަދަ ދެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1,450އަށް އަރާފައިވާކަން އެ ގައުމުގެ ނޭޝަނަލް އެސެމްބްލީގެ ރައީސް ޖޯޖް ރޮޑްރިގޭޒް އާދީއްތަ ދުވަހު ހާމަކުރައްވައިފިއެވެ.
މި ހާދިސާގައި 3,150 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، އިމާރާތްތަކުގެ ދަށުގައި ތިިބި މީހުން ސަލާމަތްކުރުމަށް ކުރާ މަސައްކަތުގައި އުންމީދުތައް ދަނީ ފަނޑުވަމުންނެވެ.
މިދިޔަ ބުދަ ދުވަހު، ލާ ގުއައިރާ ސަރަހައްދަށް އައި ރިކްޓަރ މިންގަނޑުން 7.2 އަދި 7.5 ގެ ބާރުގަދަ ދެ ބިންހެލުމުގެ ސަބަބުން 12,721 މީހުންގެ ގެދޮރު ގެއްލި، 774 އިމާރާތް ވަނީ ބިމާހަމަވެފައެވެ. ގާތްގަނޑަކަށް 50,000 މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، ވެނެޒުއޭލާގެ 30,000 ރެސްކިއު މަސައްކަތްތެރިންނާއި ބޭރުގެ 2,700 ތަޖުރިބާކާރުން ދަނީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ބިންހެލުމަށްފަހު މީހުން ދިރިތިއްބާ ފެނުމުގެ ފުރުސަތު ބޮޑު 72 ގަޑިއިރު ހޮނިހިރު ދުވަހުގެ ރޭ ހަމަވެފައިވީ ނަމަވެސް، އާދީއްތަ ދުވަހު ބައެއް މީހުން ދިރިތިއްބާ ފެނުމުން އުންމީދުތައް ވަނީ އާވެފައެވެ. އިންޓަރިމް ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވީ "މިއަދު ވެސް މީހުން ދިރިތިއްބާ ވަނީ ފެނިފައި، އެހެންކަމުން މަސައްކަތްތައް ހުއްޓައެއް ނުލާނަން،" ކަމަށެވެ. މީގެ ތެރޭގައި 86 ގަޑިއިރު ވަންދެން ތާށިވެފައިއިން 60 އަހަރުގެ އަންހެނަކާއި، އެމެރިކާގެ ޓީމަކުން ސަލާމަތްކުރި ބަފައަކާއި ދަރިއަކު ހިމެނެއެވެ.
ސަރުކާރުގެ އެހީތެރިކަން ލަސްވުމުގެ ސަބަބުން އާންމުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ބައެއް ސަރަހައްދުތަކުގައި ސަރުކާރުގެ މުވައްޒަފުން އެހީތެރިވުމުގެ ބަދަލުގައި ސެލްފީ ނަގަމުންދާތީ އާންމުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަރަކަސްގެ ބައެއް އިމާރާތްތަކުގެ ދަށުގައި އަދިވެސް 20 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ބެލެވެއެވެ.
މި ކާރިސާއާ ގުޅިގެން ބައިނަލްއަގުވާމީ އެހީތެރިކަން ދަނީ ލިބެމުންނެވެ. އެގޮތުން އެމެރިކާއިން 150 މިލިއަން ޑޮލަރުގެ އެހީއެއް އިއުލާންކޮށްފައިވާއިރު، ޔޫރަޕިއަން ޔޫނިއަނުން ވަނީ 5 މިލިއަން ޔޫރޯގެ އެމަޖެންސީ އެހީ ދިނުމަށް ނިންމާފައެވެ. ވެނެޒުއޭލާގެ ސަރުކާރުން މިހާރު ވަނީ ލާ ގުއައިރާ ސްޓޭޓްގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، އިމާރާތްތަކުގައި މީހުންނަށް ދިރިއުޅެވޭނެތޯ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދާފައެވެ.