ޚަބަރު
އީސީގެ ރައީސަކަށް ޝަކީލް އައްޔަން ކުރަން މަޖިލީހަށް ފޮނުވައިފި
އީސީގެ މެމްބަރުގެ ފަތްކޮޅުގައި ޝަކީލް ސޮއި ކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް އެ ކޮމިޝަނަށް އަލަށް އައްޔަން ކުރެއްވި މުޙައްމަދު ޝަކީލް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަޤާމު ހުސްވީ އެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ޒާހިދު، ކޮމިޝަނުގެ މެންބަރުކަމުންނާއި ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުގެ މަޤާމަށް އައްޔަން ކުރެއްވީ މި މަހުގެ 24 ވަނަ ދުވަހުއެވެ. ޤާނޫނުގައިވާ ގޮތުން ކޮމިޝަނުގެ ރައީސަކު އައްޔަން ކުރެވޭނީ ކޮމިޝަނަށް ކަނޑައަޅާފައިވާ ފަސް މެންބަރުންގެ ޢަދަދު ހަމަވުމުންނެވެ. ޝަކީލް އައްޔަން ކުރެއްވުމާއެކު މިހާރު ވަނީ ކޮމިޝަނުގެ މެންބަރުންގެ ޢަދަދު ހަމަވެފައެވެ.
ޝަކީލް އެ މަޤާމަށް އައްޔަން ކުރެއްވުމަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް މިހާރު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. އޭނާ އެ މަޤާމަށް އައްޔަން ކުރެވޭނީ ކޮމިޓީން މައްސަލަ ބަލައި ރުހުން ދިނުމަށް ފާސްކޮށް، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން އަޣުލަބިއްޔަތު ލިބިވަޑައިގަތުމުންނެވެ.
މުޙައްމަދު ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަނުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2014 އިން 2018 އަށް ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައިވާއިރު، އޭގެ ކުރިން އެ ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ވަނީ އަދާކުރައްވާފައެވެ. އޭނާ އެންމެ ފަހުން ހުންނެވީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައެވެ.
އިލެކްޝަންސް ކޮމިޝަނުގައި މިވަގުތު ތިއްބެވި މެންބަރުންނަކީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދާއި، މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ، ޢަބްދުލްޙަސީބް އިސްމާޢީލް، އަލްއުސްތާޛް ރިފްޢަތު ޢަބްދުﷲ އަދި މުޙައްމަދު ޝަކީލެވެ.