ދުނިޔެ
ގަދަ ހޫނުގެ ސަބަބުން ފަރަންސޭސިވިލާތުން 1،000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
ފްރާންސްގެ މަގެއްގެ މައްޗަށް ބަޔަކު އެއްވެފަ. ފޮޓޯ: އޭއެފްޕީ
ޔޫރަޕަށް މިހާރު ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން ފަރަންސޭސިވިލާތުން 1،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޕަބްލިކް ހެލްތު އެޖެންސީން ރިޕޯޓްކޮށްފިއެވެ.
ފަރަންސޭސި ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މި އެޖެންސީން އާދީއްތަ ދުވަހު ހާމަކުރި ގޮތުގައި، މަރުވި މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.
އެޖެންސީން ބުނި ގޮތުގައި މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. ނަމަވެސް މި ގަދަ ހޫނުގެ އަސަރު މުޅި އާބާދީއަށް ކުރަމުންދާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ. ގޭގޭގަ އާއި ކެއަރ ހޯމްތަކުގައި މަރުވާ މީހުންގެ ތަފްސީލު ލިބެމުންދާ ވަރަކަށް މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ. ޖޫން 20 އިން ފެށިގެން ޔޫރަޕަށް ކުރިމަތިވެފައިވާ މި ހޫނު ރާޅުގެ ސަބަބުން ބައެއް މިއުޒިއަމްތަކާއި ސްކޫލްތައް ވެސް ވަނީ އަވަހަށް ބަންދުކުރަން ޖެހިފައެވެ.
އޭއެފްޕީ ނިއުސް އެޖެންސީގެ އަންދާޒާތަކުން ދައްކާގޮތުގައި، އާދީއްތަ ދުވަހު ޔޫރަޕްގެ 191 މިލިއަން މީހުންނަށް 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީ ހޫނުމިނެއް ތަހައްމަލު ކުރަން ޖެހޭނެއެވެ. ޚާއްޞަކޮށް ޖަރުމަނުވިލާތް، ޗެކް ރިޕަބްލިކް، ހަންގޭރީ އަދި ޕޮލެންޑަށް ހޫނުގަދަވާނެ ކަމަށް ބެލެވޭއިރު، އިޓަލީ، އޮސްޓްރިއާ އަދި ޔޫކްރޭންގެ ހުޅަނގު ސަރަހައްދުތަކަށް ވެސް މިކަމުގެ އަސަރު ކުރާނެއެވެ.
ޖަރުމަނުވިލާތުގައި ހޫނުން ސަލާމަތްވުމަށް ކޯރުތަކަށާއި ފެންގަނޑުތަކަށް އެރުނު މީހުންގެ ތެރެއިން ހަތް މީހަކު ވަނީ ގެނބިގެން މަރުވެފައެވެ. ޖަރުމަނުގެ ބައެއް ސަރަހައްދުތަކުގައި ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާއިރު، އިރުމަތީ ޖަރުމަނުގެ ކުބްޝޫޓްޒްގައި ހޮނިހިރު ދުވަހުގެ ރޭގަނޑު ހޫނުމިން 29.4 ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށަށް ގޮސްފައެއް ނުވެއެވެ. މިއީ ފާއިތުވި 150 އަހަރު ތެރޭގައި އެ ގައުމުގައި ރެކޯޑު ކުރެވުނު އެންމެ ހޫނުގަދަ ރޭގަނޑެވެ.
ފަރަންސޭސި ހެލްތު މިނިސްޓަރު ސްޓެފަނީ ރިސްޓް ވިދާޅުވީ "މި ހާދިސާ އަދި ނުނިމޭ" ކަމަށާއި، ހޫނުގެ އަސަރު ކުރިއަށް އޮތް 10 ވަރަކަށް ދުވަހު ދެމިގެންދާނެ ކަމަށެވެ. ސައިންސްވެރިން ބުނާ ގޮތުގައި އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކުރިމަތިވާ މޫސުމީ ބަދަލުތަކާ ނުލައި މިފަދަ ހޫނު ރާޅެއް އައުމަކީ ނާދިރު ކަމެކެވެ. މި ހޫނުގަދަވުން މެދުވެރިވީ "އޮމެގާ ބްލޮކް" ގެ ނަމުން ނަންދެވިފައިވާ މޫސުމީ ހާލަތެއްގެ ސަބަބުންނެވެ.
މިހާރު މި ހޫނު ރާޅު އިރުމަތީ ޔޫރަޕަށް ދަތުރުކުރަމުންދާއިރު، ފަރަންސޭސިވިލާތުގެ ގިނަ ސަރަހައްދުތަކުގައި ހޫނުގަދަވުން މިހާރު ވަނީ ކުޑަވާން ފަށާފައެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރެއެވެ.