ކުޅިވަރު
ބޮޑު މޮޅަކާއެކު މާޒިޔާއިން 19 އަހަރުން ދަށުގެ މުބާރާތް ފަށައިފި
މާޒިޔާގެ އިލާން ޓީސީގެ ކުޅުންތެރިއެއްގެ ކައިރިން ބޯޅަ ހިފައިގެން ދަނީ / ފޮޓޯ: ޕީއެސްއެމް
އެފްއޭއެމް 19 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ބޮޑު މޮޅެއް ހޯދައިފިއެވެ.
ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި މާޒިޔާއިން ވަނީ 8-0އިން ޓީސީ ސްޕޯޓްސް ބަލިކޮށްފައެވެ.
ރާއްޖޭގެ 20 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މާޒިޔާއިން މެޗުގައި ލީޑު ނެގީ 5ވަނަ މިނެޓުގައެވެ. މި ގޯލު ކާމިޔާބުކުރީ އެ ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާންއެވެ. އަދި އޭނާ ވަނީ 19ވަނަ މިނެޓުގައި ކާމިޔާބުކުރި އިތުރު ގޯލަކާއެކު މާޒިޔާގެ ލީޑު ފުޅާކޮށްދީފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާގެ ނާޝިއު އަޙުމަދު ޝިޙާމްގެ ގޯލަކާއެކު އެ ޓީމުން ލީޑު ފުޅާކުރިއެވެ.
ދެވަނަ ހާފު ޓީސީއިން ފެށީ ކުރިއަށް ވުރެ ވަރުގަދަކޮށެވެ. އެހެންކަމުން މާޒިޔާއަށް އިތުރު ގޯލެއް ކާމިޔާބުކުރެވުނީ ދެވަނަ ހާފުގެ 25 މިނެޓު ހިނގިފަހުންނެވެ. މާޒިޔާގެ 4 ވަނަ ލަނޑު، މެޗުގެ 71 ވަނަ މިނެޓުގައި ޢާއިދު މުޙައްމަދު ޖަވީޒް ކާމިޔާބުކޮށްދިންއިރު، އޭގެ 2 މިނެޓު ފަހުން އިލާން ވަނީ އޭނާގެ ހެޓް-ޓްރިކް ފުރިހަމަކޮށްފައެވެ.
މާޒިޔާގެ 6 ވަނަ ލަނޑު، މެޗުގެ 77 ވަނަ މިނެޓުގައި ނަހީކް އަޙްމަދު ނިޔާޒް ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ ފަހު 2 ލަނޑު ކާމިޔާބުކޮށްދީފައިވަނީ ނަހީކް އަޙްމަދު ނިޔާޒް އާއި މުޙައްމަދު އިލާން ޢިމްރާންއެވެ.
މި މުބާރާތުގައި ރޭ ކުޅުނު މެޗު ކާމިޔާބުކުރީ ކެޔޮދޫއެވެ. ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް ކެޔޮދޫއިން ކުރި ހޯދީ 2-1އިންނެވެ.
މި މުބާރާތުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. އެ. މެޗުގައި ބައްދަލު ކުރާނީ އޮޑި ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.