ކުޅިވަރު
ޕޯޗުގަލް ލަނޑު ޖެހިޔަނުދީ ހިފަހައްޓާލައި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކޮލަމްބިއާ ދެވަނަ ބުރަށް
ޕޯޗުގަލް އަދި ކޮލަމްބިއާ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އީއެސްޕީއެން
މިއަދު ވޯލްޑް ކަޕުގައި ޕޯޗުގަލް އަދި ކޮލަމްބިއާ ބައްދަލުކުރި މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުމާއިއެކު، ގްރޫޕް 'ކޭ' ގެ އެއްވަނަ ޓީމުގެ ގޮތުގައި ކޮލަމްބިޔާ ދެވަނަބުރަށް ކޮލިފައިވެއްޖެއެވެ.
ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޕޯޗުގަލްގެ ކެޕްޓަން، އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް މެޗުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައެއްނުވެއެވެ. ކޮލަމްބިއާގެ ޑިފެންޑަރުން ވަނީ އޭނާ ގޯލެއްޖެހިޔަ ނުދީ ހިފަހައްޓާފައެވެ.
މިއާމީ ސްޓޭޑިއަމުގައި ކުޅެވިގެންދިޔަ މި މެޗުގައި ކޮލަމްބިއާއިން ވަނީ ލަނޑުޖެހުމަށް އެތައް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މި ފުރުސަތުތަކުގެ ބޭނުން ހިފޭގޮތް ވަނީ ނުވެފައެވެ. މެޗު ނިމެން ގާތްވެފައިވަނިކޮށް ކޮލަމްބިޔާގެ ޑޭވިންސަން ސަންޗޭޒް ލަނޑެއްޖެހި ނަމަވެސް ރެފްރީ ވަނީ އެނާ ހުރީ އޮފްސައިޑުގައި ކަމަށް ނިންމާފައެވެ.
މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގެންގުޅެ، ގޯލާ އަމާޒުކޮށް ގިނަ ބޯޅަތަކެއް ފޮނުވާލާފައިވަނީ ކޮލަމްބިއާއިންނެވެ. ފުރަތަމަ ހަފުގައި ވެސް އެ ޓީމުން ޕޯޗުގަލްގެ ގޯލާ އަމާޒުކޮށް ފުލުފުލުގައި ދިޔައީ ހަމަލާތައްދެމުންނެވެ. އެގޮތުން، ކޮލަމްބިއާގެ ލުއިސް ޑިއާސް ޕެނަލްޓީ އޭރިއާގައި ހުރެ ނަގައިދިން ހުރަސް، އެ ޓީމުގެ ފޯވާޑް ޖޯން ކޯޑޮބާ ބޮލުން ގޯލާ ދިމާލަށް ފޮނުވާލި ނަމަވެސް އެ ހަމަލާ ދިޔައީ ގޯލް މަތިން ބޭރަށްކަން ފާހަގަކޮށްލެވެއެވެ.
ލަނޑުޖެހުމަށް ޓަކައި ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާގެ ތެރެއިން އޭނާއަށް ލިބުނު ބޯޅައެއް ގޯލާ ދިމާލަށް ފޮނުވާލި ނަމަވެސް ކޮލަމްބިއާގެ ކީޕަރު ވަނީ އެ ހަމަލާ ދިފާއުކޮށްފައެވެ.
މިއާއެކު، ގްރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، 7 ޕޮއިންޓާއެކު އެއްވަނަ ޓީމުގެ ގޮތުގައި ކޮލަމްބިއާ ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އެ ޓީމުން ދެން ވާދަކުރަންޖެހޭނީ ގާނާއާއެވެ. 5 ފޮއިންޓާއެކު ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނައަށް ދަތުރުކުރި ޕޯޗުގަލް ދެން ވާދަކުރަންޖެހޭނީ ކްރޮއޭޝިޔާއާއި ދެކޮޅަށެވެ.