ޚަބަރު
ސްޓެލްކޯގެ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ފަށައިފި
ސްޓެލްކޯގެ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ފެށުން. ފޮޓޯ: ސްޓެލްކޯ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އަތޮޅުތެރޭގެ ރަށްރަށުގައި ހިންގާ އިންޖީނުގެތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
"ސެޓްފިކެޓް ލެވެލް 3 އިން ވޯޓާ ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނަންސް" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމަށް ފެށި މުހިންމު މަސައްކަތެކެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ފަންނީ ހުނަރާއި ޤާބިލުކަން މުވައްޒަފުންގެ ކިބައިގައި އަށަގަންނުވުމެވެ. މީގެ އިތުރުން، މި ތަމްރީނުގެ ސަބަބުން މުވައްޒަފުންނަށް ޤައުމީ ފެންވަރުގައި ބަލައިގަނެވޭ ފެންވަރުގެ ސަނަދެއް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) އާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ސްޓެލްކޯއިން މަޢުލޫމާތު ދޭ ގޮތުގައި، މި ޕްރޮގްރާމްގައި އެ ކުންފުނިން ޚިދުމަތްދޭ އެކި ރަށްތަކުން ޖުމްލަ 60 މުވައްޒަފުން ބައިވެރިވެއެވެ.
އަތޮޅުތެރޭގައި މި ކުންފުނިން ހިންގާ އިންޖީނުގެތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ހިންގާ "ސެޓްފިކެޓް ލެވެލް 3 އިން ވޯޓާ ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނަންސް" ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްފި. މިއީ ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި… pic.twitter.com/JSto8EvejV
— STELCO (@STELCOMALDIVES) June 25, 2026
މިފަދަ ތަމްރީނުތަކުގެ ސަބަބުން ރަށްރަށުގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތައް ބެލެހެއްޓުމާއި، އޮޕަރޭޓްކުރުމުގައި މިހާރަށްވުރެ ހަރުދަނާ އަދި ފަންނީ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ސްޓެލްކޯއިން އުންމީދު ކުރެއެވެ.