ޚަބަރު
މާލެ އޭރިއާގައި މަސައްކަތްކުރާ 84 ފުލުހަކަށް ޝަރަފުގެ ނިޝާން އަރުވައިފި
މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން އެރުވުން. ފޮޓޯ: ފުލުހުން
މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްފައިވާ 84 ފުލުހަކަށް ޝަރަފުގެ ނިޝާން އަރުވައިފިއެވެ.
އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ފުލުހުންނަށް ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ ހިދުމަތުގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ. ޝަރަފުގެ ނިޝާން ހާސިލްކުރި ފުލުހުންގެ ތެރޭގައި ހިމެނެނީ 32 ކޮމިޝަންޑު އޮފިސަރުންނާއި، ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ރޭންކުގެ 18 ފުލުހުންނެވެ. މީގެ އިތުރުން ސީނިއާ ސާޖަންޓު ރޭންކުން ފެށިގެން ކޮންސްޓަބަލް ރޭންކާ ހަމައަށް ހިމެނޭ ރޭންކުތަކުގެ 34 ފުލުހަކަށް ވެސް ވަނީ ނިޝާން އަރުވާފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ޝަރަފުގެ ނިޝާން ލިބުނު ފުލުހުންނަށް މަރުހަބާ ދަންނަވައި، އެ ފަރާތްތަކުން ކުރައްވަމުން ގެންދަވާ އިހުލާސްތެރި ހިދުމަތާއި ދައްކަވާ ކެތްތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. ސީޕީ އިތުރަށް ވިދާޅުވީ "ފުލުހުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން އެގޮތުގައި ދެމެހެއްޓުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރުމަށް އިލްތިމާސްކުރަން" ކަމަށެވެ.
ކޮމިޝަނާގެ ވާހަކަފުޅުގައި ފުލުހުންނަށް ލިބޭ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، އިތުރު ކާމިޔާބީތައް ހޯދައިދިނުމަށް މުއައްސަސާއިން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.